ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ އެވޯޑު ހަފުލާ ބާއްވައިފިއެވެ.
މި ހަފްލާ ބާއްވާފައި މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައެވެ. ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ދޭ އެންމެ ޝަރަފުވެރި އެވޯޑު "އެމްޕްލޯއީ އޮފް ދަ އިޔާ" ގެ އެވޯޑު މި ފަހަރު ލިބުނީ ޑިރެކްޓާ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ހުޒާއަތު އަލީ އަށެވެ.
މި ހަފްލާގައި ބީއެމްއެލް އިން ދިން އިތުރު އެވޯޑްތަކަށް ބާލާލާއިރު، "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ލިބުނީ ހެޑް އޮފް ކަސްޓަމާ އެންގޭޖްމަންޓް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަށެވެ. އަދި "ލީޑާޝިޕް އެކްސެލެންސް އެވޯޑު" ލިބުނީ އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުހައްމަދު ސާވީއަށެވެ.
މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމާ ސާވިސް އެކްސެލެންސް، އައުޓްސްޓޭންޑިން ޓީމް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓު ކެޓަގަރީ އިން އެވޯޑު ދިނެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު، ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ބޭންކުގެ ކާމިޔާބީތަކުގެ ފަހަތުގައި ތިބީ މުވައްޒަފުން ކަމަށާއި މިދިޔަ އަހަރު އެ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގުރާމުތައް ތައާރަފުކޮށްފައިވާ ކަން ޝަރީފް ވިދާޅުވިއެވެ. މި ބަދަލުތަކުން ދައްކައި ދެނީ ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ދޭ އަހައްމިއްޔަތު ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް އެ ބޭންކުންގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އަހަރީ އެވޯޑު ހަފުލާއެއް ބާއްވައެވެ.