މެއި 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއި އެކު ލޯނަށް އެދި ހުށަހެޅޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެކަމަށެވެ.
- 10،000 - 300،000 ރުފިޔާ އާއި ހަމައަށް
- ފައިދާގެ ރޭޓް: 15 ޕަސެންޓު
- ފައިނޭންސިން މުއްދަތު - 5 އަހަރު
މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި ލޯނަށް އެދި ހުށަހެޅުމަށް އިކުއިޓީ އަދި ސެކިއުރިޓީ ބޭނުމެއް ނުވާނެއެވެ. މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑު ދޫކުރާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އެޕްރީލް 28، 2025 ވަނަ ދުވަހުގައެވެ.
މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެ ބޭންކުން ހަމަޖައްސައިދޭނެ ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިއީ މިފަދަ ނިންމުމެއް އެ ބޭންކުން ނިންމާ ފުރަތަމަ ފަހަރުކަމަށެވެ.