ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ގައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕް އިތުރު 3 އަހަރަށް އާކޮށްފިއެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި ހަމަ އެހެންމެ މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އިން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް 3 އަހަރު ދުވަހު ގައުމީ ސްވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.

އެއްބަސްވުން އާ ކުރުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ވެސް ފެތުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އާކުރެވިގެން ދިއުމަކީ ލިބޭ ފަހުރެއްކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ެތްލީޓުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެހީތެރިވުމުގައި ދެމި ތިބޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ބީއެމްއެލް އިން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

"ބޭންކް އޮފް މޯލްޑިވްސްއާއެކު އަޅުގަނޑުމެންގެ ޕާޓްނަރޝިޕް އައުކުރެވުނުކަމީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް. އަދި މިޕާޓްނާޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާ ފެތުމުގެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެއަށް ރީތިނަމާ ޝަރަފު ހޯދަން ކުރަމުންދާ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސްއާއެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ." އަބްދުއްސައްތާރު ވިދާޅުވިއެވެ.

2016ވަނަ އަހަރުން ފެށިގެން ބޭންކުން ސްވިމިންގް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެކެވެ.