ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން އިދިކޮޅު ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުން ވަޒީފާއިން ވަކި ކުރަމުންދާތީ އެމްޑީޕީން އެކަން ކުށްވެރި ކޮށްފިއެވެ.

ހުސްވި ހަފްތާ ތެރޭ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ހިމެނޭހެން އެމްޑީޕީގެ ލީޑާޝިޕުގެ މެންބަރުން ވަނީ ދެ އަތޮޅަކަށް ދަތުރުތަކެއް ކޮށްފައެވެ. ށ. އަތޮޅަށާއި އައްޑޫ ސިޓީއަށް ކުރި އެ ދަތުރުތަކުގައި އެ ރަށްރަށުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ އަދާ ކުރަމުންދިޔަ ވަޒީފާއިން ވަކިކޮށް، ނޯޓިސް ފޮނުވާފައެވެ.

އެގޮތުން ހިތަދޫ ވެމްކޯ ބްރާންޗުގެ މެނޭޖަރުގެ މަގާމު އަދާ ކުރަމުންދިޔަ މޫސާ މުހައްމަދު ވަޒީފާއިން ވަކި ކޮށްފައިވާއިރު އެ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ މުހައްމަދު އަފްޒަލް ވެސް ވަނީ ސީނިއާ އެޑްމިނިސްޓްރޭޓިވްގެ މަގާމުން ވަކިކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ހިތަދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން

އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހަރަކާތަކަށްވާއިރު އެފަދަ ހަރަކާތްތަކުގައި ބައިވެރިވެގެން ވަޒީފާއިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގެ އަލިގަދަ ހެއްކެއް ކަން ފާހަގަކޮށް އެމްޑީޕީން ވަނީ، މަސައްކަތް ތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މޭޑޭ މާދަން ފާހަގަ ކުރާއިރު ރާއްޖޭގެ މަސައްކަތް ތެރިންގެ ހައްގުތައް ނިގުޅައިގަނެ އެތައް އާއިލާއެއް ހާލުގައި ޖެއްސުމާ ދެކޮޅަށް އެންމެހާ މަސައްކަތްތެރިން ނުކުމެ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ފައްޔާޒް ވިދާޅުވީ، ވެމްކޯގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ހިތަދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން ކަމަށެވެ. އަދި އަފްޒަލް ވަކިކޮށްފައި ވަނީ އެމްޑީޕީގެ ވަފުދާ ސަލާމް ކުރުމުން ކަމަށް ތުހުމަތުކޮށް ފައްޔާޒް ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރަށް ތާއިދު ކުރާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވެސް ވަނީ ވެމްކޯގެ އެ އަމަލު ކުށްވެރިކޮށްފައެވެ. އެގޮތުން އަޒާން ވިދާޅުވީ، މޫސަ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގަ އަދި ރަށުތެރޭގަ "ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށާއި ވަޒީފާގެ ގާނޫނުން އެފަދައިން މުވައްޒަފުން ވަޒީފާއިން ވަކިކުރުން ތަން ނުދޭ ކަމަށެވެ. މީގެ އިތުރުން ވެސް އަޒާން ވަނީ ގާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު އަށް ގޮވާލާފައެވެ.

މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ މޭޑޭގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅުން ނިންމާފައިވާއިރު އެ އެއްވުން ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ ރޭގެ 08:30 ގައެވެ. މެއި މަހުގެ 1 ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދާ ދުވަހަކަށްވާއިރު މިފަދަ އެއްވުމެއް ބޭއްވުމަށް އިދިކޮޅުން ނިންމާފައި ވަނީ ވަޒީފާގެ މިނިވަންކަންވެސް ނެތް ކަމަށާއި، ހިޔާލު ތަފާތުވާ ބޭފުޅުން ވަޒީފާއިން ވަކިކުރަމުން ދާކަމަށް ބުނެއެވެ.