ނެއްލައިދޫ ރައްޔިތުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ"އަކީ އެ އަތޮޅު "ނެއްލައިދޫ"ގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސީލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިއަދު ނެރުއްވި ގަރާރުގައި ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، އެ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވެއެވެ.

ނެއްލައިދޫ ރައްޔިތުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ ފެންރުއަރީ މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.