ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަކަށް، މާ އަގު ބޮޑުކޮށް ހިންގާފަިއވާ މަޝްރޫއެއް ކަމަށާއި 2345 މީހުން ފްލެޓަށް ކުލި ނުދައްކާ ކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނާ ގޮތުގައި، މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ހިޔާ ފްލެޓުގައި 6،338 އާއިލާ ދިރިއުޅެން ފަށާފައި ވާއިރު އޭގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ އޮތް ކަމަށް އެ ބޭންކުން ބުނެއެވެ. ހަމައެއާއެކު ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސަރުކާރުން ދޫކޮށްފައިވާ އެކި ސޯޝަލް ހައުސިން ޔުނިޓުތަކުން ވެސް 800 އަށް ވުރެ ގިނަ މީހުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހިޔާ ފްލެޓްގައި ހުރި މައްސަލަތައް ފާހަކޮށް އެ ރިޕޯޓުގައި ބުނެފައި ވަނީ ހިޔާގެ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށެވެ. އަދި ކޮންމެ ޓަވަރެއްގައި ކުޑަ ހަތަރު ލިފްޓު ހުންނަ އިރު ޕީކް ގަޑިތަކުގައި އެތަން ތޮއްޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ލޮބީ އޭރިއާ ބޮޑު ކުރުމަށް އެޗްޑީސީ އަށް އިތުރު ހަރަދުކުރަން ޖެހުނު ކަން ވޯލްޑް ބެންކުން ވަނީ ފާޙަގަ ކޮށްފައެވެ.

ހަމައެއާއެކު ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅޭ މީހުން އަމިއްލައަށް ހަދަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި ބީއެމްއެލް އިން ލޯނުތަކެއް ހަމަޖައްސާފައިވީ ނަމަވެސް ގިނަ މީހުންނަށް އެވަރުގެ ހަރަދެއް ކުރަން ދަތިވާނެކަން ވެސް އެ ބޭޏްކުން ވަނީ ފާޙަގަ ކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ގޮވާލައި، ބެނާތައް ހިފައިގެން އިހްތިޖާޖު ކުރަނީ / ފޮޓޯ: ހިޔާ ޔޫނިއަން

މީގެ އިތުރުން ވޯލްޑް ބޭންކުން ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބައޮތް ކަމަށެވެ. ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ހަރަދު އިތުރުކޮށްފައި ވާއިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީތައް ހިމެނޭހެން 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ބޭންކުން ބުނެއެވެ.

ނަމަވެސް، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށާއި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާ ކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެކެވެ. ކުލި ދައްކައިގެން ގެދޮރު އަމިއްލަ ކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާ ކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް އަދި ކުލި ދެއްކުމުގެ ޝަރުތުތަކާއި ދެވޭ އިނާޔަތްތައް އެއްގޮތް ކުރެވިދާނެ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ހިޔާ ފްލެޓްގެ ކުލި ނުދައްކާ ކަމަށް ބުނެ ވޯލްޑް ބޭންކުގެ ރިޕޯޓް އާންމުކޮށްފަިއވާ އިރު، އެ ފްލެޓްގެ ހައްގުވެރިން ވަނީ ފްލެޓްގެ ކުލި ކުޑަކޮށް ދިނުމަށް އެދި އިހުތިޖާޖުތައް ވެސް ކޮށްފައެވެ. 8500 ރުފިޔާ ކުޅީގެ ގޮތުގައި ނުދެއްކޭނެ ކަމަށާއި 5600 ރުފިޔާއަށް ކުލި ތިރިކޮށް ދިނުމަށް އެ ފްލެޓް ވެރިން ވަނީ ގޮވާލާފައެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ކުލީގެ އަގު ތިރިކޮށްފައެއް ނުވެއެވެ.