ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވެ އިގްތިސޯދު ރަނގަޅުވަމުން އައި ކަމުގައި ވިޔަސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް، ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް ގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.8 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ޖޫން މަހު ލަފާކުރި މިންވަރަށް ވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ 2021 ވަނަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތް އިރު، ސަރަހައްދީ އިގްތިސޯދީ ކުރިއެރުން ހުރީ 7.8 ޕަަސަންޓްގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މި ސަރަހައްދީ ރިޕޯޓާ އެއްކޮށް ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން ދެއްކި ގޮތުގައި، މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 12.4 ޕަަސަންޓްގައެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައި ކަމަށް އެ ބޭންކުން ބުނެއެވެ. ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭ ކަމަށާއި ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯޑް ބޭންކުން ވަނީ ލަފާ ދީފައިއެވެ.

"އިގްތިސޯދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް. އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ހިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް"
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް

ހަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިހާބާ ގުޅުންހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެ ބޭންކުން ބުނެއެވެ. މިއީ، ރާއްޖޭގެ އިގްތިސޯދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެއް ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްޑީޔޫގެ ހާއްސަ ސެކްޝަން، 'ޓުވާޑްސް ރެސިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން'ގައި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބައޮތް ކަމަށް އެ ބޭންކުން ބުނެއެވެ. ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ހަރަދު އިތުރުކޮށްފައި ވާއިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީތައް ހިމެނޭހެން 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ބޭންކުން ބުނެއެވެ.

ނަމަވެސް، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށާއި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާ ކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެކެވެ. ކުލި ދައްކައިގެން ގެދޮރު އަމިއްލަ ކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާ ކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް އަދި ކުލި ދެއްކުމުގެ ޝަރުތުތަކާއި ދެވޭ އިނާޔަތްތައް އެއްގޮތް ކުރެވިދާނެ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައި ވެއެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑުވާނެ ކަމަށް ވެން ވޯލްޑް ބޭންކުން ބުނެއެވެ.