ކޮވިޑާ ހުރެ ކުރިމަތިވި އިގްތިސޯދީ ދަތިތަކާ ހުރެ މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ސިވިލް ސާވިސްގެ މުވައްޒަފަކަށް ކުރިއެރުން ދިނުމަށް، ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
އެ ޓްރައިބިއުނަލުން އަމުރު ކުރީ މަގާމުގެ ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އިސްމާއީލް ޒާހިރަށް މަގާމުގެ ކުރިއެރުން ދިނުމަށެވެ.
އިސްމާއީލް ޒާހިރު އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ސިވިލް ސާވިސްގެ ލީގަލް އޮފިސަރުގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވި ނަމަވެސް، އޭނާ އަށް މަގާމުގެ ކުރިއެރުން ދީފައިނުވާތީއެވެ. އޭނާ އެދިފައިވަނީ އެ މުއްދަތަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އިތުރު ވަގުތުގެ ފައިސާ ހޯދައިދިނުމަށެވެ.
އޭނާ ހުށަހެޅި މައްސަލައިގައިވާ ގޮތުން:
- 2017 އާއި 2019 އާއި 2021 އާ ހަމައަށް ވިދިވިދިގެން ދެ އަހަރު މަސައްކަތްކޮށްފައިވޭ
- އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން 85 ޕަސެންޓަށް ވުރެ މަތި ލިބިފައިވޭ
- ނަމަވެސް އެ މުއްދަތުގައި ދޭން ޖެހޭ ތިން ޕްރޮމޯޝަނެއް ނުދޭ
އެކަމަކު ސިވިލް ސާވިސް ކޮމިޝަނުން އެކަމަށް އިންކާރުކުރެއެވެ. އެ ކޮމިޝަނުން ބުނީ މުސާރަ އަށް އެއްވެސް ބަދަލެއް އަންނަ ނަމަ، އެ ބަދަލެއް ގެނެވޭނީ ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ފަހު، މިނިސްޓްރީ އާ މަޝްވަރާކޮށް، ބަޖެޓުގައި ފައިސާ ހުރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
ސީއެސްސީން އިތުރަށް ބުނި ގޮތުގައި:
- އިސްމާއީލް ޒާހިރު މައްސަލަ ހުށަހަޅާފައިވަނީ ކޮވިޑާ ހުރެ، ދައުލަތުގެ ހަރަދުތައް މަދުކުރަމުން ދިޔަ ދުވަސްވަރުގައި
- އިސްމާއީލް ޒާހިރު ނޫން އެތައް މުވައްޒަފުންތަކަކަށް ކުރިއެރުން އެ ދުވަސްވަރުގެ ހާލަތާ ގުޅިގެން ނުދޭ
- އެކަމުގައި ސީއެސްސީގެ މުވައްޒަފުންގެ މަސްލަހަތު ހިމެނޭތީ އިސްމާއީލް ޒާހިރު އެދުނު ގޮތަށް އަމުރުކޮށްފި ނަމަ، އެ ކޮމިޝަނަށް ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ
ނަމަވެސް ޓްރައިބިއުނަލުން އެ މައްސަލަ އިސްމާއީލް ޒާހިރާ އެއްކޮޅަށް ނިންމައި އަމުރުކޮށްފައި ވަނީ، އިސްމާއީލް ޒާހިރަށް ލިބެން ޖެހޭ ކުރިއެރުންތަކާ އެކު އޭނާގެ މުސާރަ އަށް އައި ބަދަލާ ގުޅިގެން ލިބޭ މުސާރަ އާއި، އިތުރު ގަޑީގެ ފައިސާ އިން އުނިވެފައިވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ މިދިޔަ އަހަރު 489 މުވައްޒަފެއްގެ ފަރާތުން ސީއެސްސީ އާއި ފިނޭންސް މިނިސްޓްރީ އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހެޅިއެވެ.