ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލު ކުރުމާއި، އެކުގައި މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޕްރޮސިކިއުޓަާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

ޕީޖީން ބުނީ، މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ގާނޫނުއަސާސީ އާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު އެއްބަސްވެފައި ވާ ކަމަށެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އެގޮތުން އޭސީސީން ތަހުގީގު ކުރާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާ ކުރަމުން ދިއުން ހިމެނެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމާއި، ދައުވާ ކުރުމުގެ ކަންކަން މިހާރު ވެސް ކުރިއަށް ދަނީ މި ދެ މުއައްސަސާ ގުޅިގެންނެވެ. އެގޮތުން ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި ޕީޖީ އޮފީހުގައި ގާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް ގެންދަނީ ތަހުގީގަށް ބޭނުންވާ ލަފާ އާއި އިރުޝާރު ދެމުން ކަމަށް ޕީޖީން ބުނެއެވެ. މި އެއްބަސްވުމުގެ މަގްސަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށް ޕީޖީން ބުނެއެވެ.