އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ އެކައުންޓް އަލުން ފްރީޒް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކަމިޝަނުން ބުނެފިއެވެ.

މިދިޔަ އޮގްސްޓް މަހު އެ އެކައުންޓް ދޫކޮށްލާފައިވާ އިރު އެކަމާ ގުޅިގެން އޭރު އޭސީސީން ބުނެފައި ވަނީ، އެ އެކައުންޓް ދޫކޮށްލާފައިވާ ކަމަށް ބެލެވެނީ ވެރިފަރާތުން އެދިގެން ކަމަށާއި އެ އެކައުންޓް އަލުން ފްރީޒް ކުރުމުގެ އަމުރަކަށް އެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް މިހާރު އޮތް ހިސާބެއް އޮޅުން ފިލުވުމަށް މިއަދު 'ދަ ޕްރެސް' އިން ސުވާލު ކުރުމުން އޭސީސީން ބުނީ، އެސްއޯއެފްގެ ގިނަ އެކައުންޓްތަކެއް ފްރީޒް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދޫކޮށްލާފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް ކަމަށެވެ. އެ އެކައުންޓް އަނެއްކާވެސް ފްރީޒް ކުރަން ކުރި މަސައްކަތުގައި އެ އެކައުންޓް ފްރީޒް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭސީސީން ބުނެއެވެ. އެކައުންޓް ފްރީޒް ކުރަން އޭސީސީން ހުށަހަޅާ އިރު، ވަކި ޝަރުތު ތަކެއް ހުންނަން ޖެހޭ އިރު އެ ޝަރުތުތުތައް ފުރިހަމަ ނުވާ ކަމަށް އޭސީސީން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްއޯއެފްގެ ދޫކޮށްލި އެކައުންޓަކީ އެއްވެސް ފައިސާއެއް ނެތް އެކައުންޓެކެވެ.

އެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އަމުރަކުންނެވެ. އެ އެކައުންޓް ދޫކޮށްލާފައި ވަނީ، ސިވިލް ކޯޓުން މި ދިޔަ މަހުގެ 7 ވަނަ ދުވަހުގައި ނެރުނު އަމުރަކާ ގުޅިގެންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެ އެކައުންޓް ދޫކޮށްލި ކަން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައެވެ.

އެސްއޯއެފްގެ އެކައުންޓުތަކުގެ ތަފްސީލް ހާމަކޮށް 2019 ވަނަ އަހަރު ނެރެފައި ވާ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ބޭންކު އޮފް މޯލްޑިވްސް، އެސްއޯއެފްގެ ޑޮލަރު އެކައުންޓުން ފައިސާ ފޮނުވި ބައެއް ފަރާތްތައް:

  • މިލީނިއަމް ކެޕިޓަލް ޑިވަލަޕްމަންޓް – 6.1 މިލިއަން ޑޮލަރު
  • ސީޖީޓީ ޕްރައިވެޓް ލިމިޓެޑް – 4.6 މިލިއަން ޑޮލަރު
  • ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް – 3.5 މިލިއަން ޑޮލަރު
  • އެމްއެމްޕީއާރުސީ – 3 މިލިއަން ޑޮލަރު
  • އަމިން ކޮންސްޓްރަކްޝަން – 2 މިލިއަން ޑޮލަރު
  • ރެޑްވޭވް – 1.5 މިލިއަން ޑޮލަރު
  • ވިލާ ޓްރެވަލްސް އެންޑް ޓުއާޒް – 700،000 ޑޮލަރު
  • ރިޔާޒު ރަޝީދު – 424،255 ޑޮލަރު

އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ. އެގޮތުން 166 އެކައުންޓަކަށް ފައިސާ ވަދެފައިވާ އިރު، އެ ފަރާތްތަކުގެ ތަފްސީލް ވެސް ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހިމެނެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެއް މިލިއަން ޑޮލަރަށްވުރެ ގިނައިން 12 ފަރާތަކަށް ވަނީ ޑޮލަރު ޖަމާކޮށްދީފައެވެ.

އެސްއޯއެފް ޓީމުގައި ހިމެނޭ މީހުންނަކީ މުހައްމަދު އައްލާން ލަތީފް އާއި، އަހްމަދު އިޝްފާހް އަލީ އާއި، މުހައްމަދު ހުސައިން އާއި މުހައްމަދު އަސީލް އަހްމަދެވެ.