އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައެއް މަޝްވަރާކުރަން ފޮނުވައިފިއެވެ.

އޭސީސީއިން ބުނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ 5 މައްސަލައެއްގައި ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމަށްޓަކައި އެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި މީގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.

ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު އެ މައްސަލަތަކާގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އޭސީސީއިން ބުނެއެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާިރު މިހާތަނަށް މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާއިރު އެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ލިސްޓުގައި 267 ނަމެއް އެބަ އޮތެވެ. އެހެންނަމަވެސް އެ ހިޔާނާތުގެ މައުލޫމާތު އެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި އެ އަދަދު 281 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެއެވެ.

ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވަނީ ބަޔަކަށް ދައުވާ އުފުލާފައެވެ.