ދަރިވަރުން ބިނާ ކުރުމަށްޓކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޓީޗަރުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުފައެވެ.

މިނިސްޓަރު ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

މިގޮތުން އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިހުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން. މިކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކުލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ޓީޗަރުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗަ" ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި ޝިޔާރު ހިޔާރުކުރީވެސް ކޯވިޑުގެ ދަތި ހާލަތުގައި މުދައްރިސުން ވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުންކަން ފާހަގަކުރައްވާ ގައުމު ގެންދާން ބޭނުންވާ މިސްރާބު، ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށެވެ. މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައި ވީހިނދު ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމައާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުއާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތްކަން ފާހަގަކުރައްވާފެވެ.