މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއީ އޭނާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައިގެންނެވެ.

ބޭސްފަރުވާ އަށް ކަމަށް ބުނެ، މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ދިޔަ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ނެރުނު އަމުރެއްގައެވެ. ނަމަވެސް އަލީ ވަހީދު ހާޒިރުނުވުމުން އެ ކޯޓުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.