ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ހަވީރު މަރުވެފައި އޮއްވާ ފެނުނު ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިމަހު 2ވަނަ ދުވަހު އެސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން، ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލައި ފާސްކުރި އިރު، އެސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސް ވެފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ހިސާބުން ފެށިގެން، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަށް ތަހުގީގު ބަދަލުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އަޒްހާންގެ ފޯނު މިހާރު ހޯދިފައި ވާއިރު، އޭނާ މަރާލައިފައި ވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ މިހާތަނަށް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އަޒްހާންގެ ފޯނަށް އެންމެ ފަހުން ރޭންޖް ލިބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރަކަށް ކަމަށެވެ.