މިހާރުގެ ގިނަ ދިވެހިންނަށް އެއީ ކާކުކަން ނޭނގުނަސް މަސްވެރިކަމުގައި އުޅޭ މީހުންނަށާއި، ދިވެހިންނަށް ސަތޯރަހަ ކިޔާ އަޑު އިވޭނެއެވެ. އަދި މަސްވެރިކަމަށް ބޭނުން ކުރާ ބުޅި އަަށް ސަތޯ ބުޅި ކިޔާ އަޑުވެސް އިވޭނެއެވެ.

އެއީ، ދިވެއްސަކަށް ނިސްބަތްވާ ނަމެއް ނޫނެވެ. ހަމަ އެގޮތަށް ސަތޯރަހަވެސް ނިސްބަތް ކޮށް ކިޔަނީ މި ބުނާ ބިދޭސީ މީހާއަށެވެ.

އެއީ ޖަޕާނަށް އުފަން ސަތޯ ކިޔާ މީހެކެވެ. އޭނާ އާއި ޖަޕާނުގެ މެރިން ރިސާޗް ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ ޔޮޝިޓްސުޖޫ ޝިޖީ 1962 ވަނަ އަހަރު ރާއްޖެ އައިސް މަސްވެރިކަމާ ބެހޭ ހާއްސަ ދިރާސާއެއް ކުރިއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތައް 6 ބަޔަކަށް ބަހާލައިގެން "ރިޕޯޓް އޮން ފިޝިން ސާވޭ އިންކްލޫޑިން އޮޕީނިއަން އޮން ޕޮސިބިލިޓީ އޮފް ކޭނިން ފެކްޓަރީ އިން ދަ މޯލްޑިވްސް" ގެ ނަމުގައި ހެދި މި ދިރާސާ ރިޕޯޓު ސަރުކާރަށް ހުށަހެޅުމަށް ފަހުވެސް މި ސަތޯ ރާއްޖޭގައި މަޑު ކުރިއެވެ.

ދޮށީގެ މަސްވެރިކަމާއި ލޭނު މަސްވެރިކަމުގެ ދިރާސާތައް ކުރުމުގައި އޭނާ އަވަދި ނެތި އުޅުނު އިރު، ސަތޯއާ ގުޅުވާ ކިޔާ މަޝްހޫރު ވާހަކައެއްވެސް އޮވެއެވެ. އެއީ ހުވަދޫ ކަނޑުގެ މެދުތިލައަށް ސަތޯ ޑައިވިނަށް ގޮސްގެން އުޅެނިކޮށް އާދަޔާ ހިލާފު ބޮޑު ކަކުންޏެއް އަރާ ސަތޯ ކާލި ވާހަކައެވެ. ބައެއް ލިޔުންތަކުގައި "ސަތޯ އެންޑް ދަ ޖަޔަންޓް ކްރެބް" ކިޔައިގެން ލިޔެފައިވެސް އެބަހުއްޓެވެ.

"ސަތޯ އެންޑް ދަ ޖަޔަންޓް ކްރެބް" ވާހަކަ

އެއް ދުވަހަކު ސަތޯއާއި އޭނާގެ އަންހެނުން، ހުވަދޫ ބަޔަކާއެކު ސަތޯގެ ބޯޓުގައި ހުވަދޫ ކަނޑަށް ނުކުތެވެ. ހުވަދޫ މެދުތިލައާ ހަމައިން އެ ތިލައަށް ސަތޯ ޑައިވް ކޮށްލަން ނިންމާ ފޭބީއެވެ. އެ ދުވަހު ޑައިވިނަށް ދިޔަ ގޮތަށް ސަތޯ މައްޗައް ނާރާ މާ ގިނަ އިރު ވުމުން، ބޯޓުގައި އިން އޭނާގެ އަންހެނުން ހަބަރު ބަލަން މޫދަށް ފޭބިއެވެ. ސަތޯ އަޑިއަށް ދިޔަ ދިމާލަށް އޭނާ ފީނުމުން ފެނުނީ ބޮޑު ކަކުނި ހަރެއްގެ އަނގަމައްޗެވެ. ކައިރި އެއްވެސް ހިސާބަކުން ސަތޯއެއް ނުފެނުނެވެ. ދެން ސަތޯގެ އަންހެނުން އެ ހަރާ ގާތަށް ފީނާލި ތަނުން ކަކުނި ސަތޯ ކާލާފައި ހުރި ފަދަ ނިޝާންތަކެއް ފެނުނެވެ.

މިވާހަކަ ކިޔައި އުޅޭ އަނެއް ގޮތަކީ، ސަތޯއާއި އޭނާގެ އަންހެނުން ފީނަށް ފޭބީ އެކުގައި ކަމަށާއި، ކަކުނި ހަރަށް ސަތޯ ފީނައިގަންނަމުން އަންހެނުން ކައިރީ މަޑުކުރަން ބުނި ވަގުތު ބޭރުން އައި ބޮޑު ކަކުނި، އޭތީގެ ދެ ހަނޑަސް ބުރި ދޭތެރެއަށް ލައި ސަތޯ ފިއްތާލީ ކަމަށެވެ.

މި އީ ފޮކްލޯރެކެވެ. އެ ސަތޯއެއް އެބުނާ ގޮތަކަށް މަރެއް ނުވެއެވެ. އޭނާ ވަނީ ސަމާލަތުން އެނބުރި ޖަޕާނަށް ގޮސްފައެވެ. ބެލެވޭ ގޮތުން މި ވާހަކަ ފްލޯކު ގޮތަކަށް ކިޔާން ފެށީ، ހުވަަދޫގެ މަސްވެރިންނާއެކު ސަތޯ އުޅެއުޅެފައި ކުއްލި ގޮތަކަށް ފުރައިގެން ގައުމަށް އެނބުރި ދިޔަކަށް އޭރު އުޅުނު ގިނަ މަސްވެރިންނަށް ނޭނގުމާއި އޭގެ ފަހުން އެމީހުނަށް ސަތޯ ނުފެނުމުންނެވެ.

ސަތޯރަހަ ފަރުބަދަ - ނެކްޓަންގެ އިމޭކުގެ ސްކްރީންޝޮޓެއް

ހުވަދޫ ކަނޑުން ފެނުނު މާސިންގާ ފަރުބަދަ

ސަތޯގެ ވާހަކަ އެ ހިސާބަށް ކުރުކޮށްލާފައި، ނެކްޓަން އިން ކުރިއަށް ގެންދާ ކަނޑުގެ ސާވޭގައި ފެނުނު ސަތޯރަހަ ފަރުބަދައިގެ ވާހަކައަށް ބަލާލާނަމެވެ.

ސައިންޓިފިކް ދިސާރާއެއްގެ ބޭނުމަށް މެޕްކޮށް ޑޮއިއުމެންޓް ކުރި މި ފަރުބަދައަކީ ކަނޑުގެ އަޑިން 300 މީޓަރު (1000 ފޫޓު) އަށް ވުރެ އަޑިން ފެނުނު ފަރުބަދައެކެވެ. ވަށަމިނުގައި 15 ނޯޓިކަލް މޭލު ނުވަތަ 27 ކިލޯމިޓަރު އެބަހުއްޓެވެ. އަދި ފުންމިނުގައި 1500 މީޓަރު ހުރި މި ފަރުބަދަ އަކީ، އިހުއްސުރެ ކިޔާ ގޮތަށް ސަރޯތަހަ ތިލައިގައި ހުރި ފަރުބަދައެވެ.

ރާއްޖޭގެ ކަނޑުތަކުގައި މި ބާވަތުގެ 34 ފަރުބަދައެއް ހުންނަކަމަށް ރެކޯޑް ކުރެވިފައި ވާއިރު މިއީ މިހާތަނަށް ދުނިޔޭގައި މި ބާތުގެ ސްޓަޑީ ނުވަތަ މައުލޫމާތު އެއްކުރި 300 ފަރުބަދައިގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ފުރަތަމަ ފަރުބަދައެވެ. ދުނިޔޭގެ އެތައް ކަނޑެއްގައި 1000 މީޓަރަށް ވުރެ އުހުގައި 100،000 ފަރުބަދަ ހުންނަކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ނެކޮޓަންގެ ޓީމުން، މި ފަރުބަދަ މެޕް ކުރީ ގާތްގަނޑަކަށް 12 ގަޑި އިރުގެ މަސައްކަތުން ކަމަށް ބުނެފައި ވާއިރު މިއީ ސައިންޓިފިކް ހޯދުންތަކަށް މުހިންމު މައުލޫމާތެކެވެ.

ނެކްޓަން އިން އާންމުކުރި ވީޑިއޯއެއްގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ މި ދިރާސާގައި ބަލަން ބޭނުންވީ އެ ފަރުބަދަ ހުންނަ ސަރަހައްދުގައި މަސްމަހާމެހި ގިނައީ ކީއްވެތޯ އާއި އެއެއްޗެހި އެ ސަރަހައްދާ މާ ގަޔާވާ ސަބަބު ދެނެގަތުން ކަމަށެވެ.

ނަމަވެސް، މޫސުން ގޯސްވެ، ކަނޑު ގަދަވުމުން ސާވޭ އަށް ބޭނުންކުރާ އާލާތްތައް ކަނޑުގެ އަޑިއަށް ފޮނުވައިގެން ފަރުބަދައިގެ ވަކިވަކި ބައިތައް ރަނގަޅަށް ބެލިފައިނުވާ ކަމަށް ނެކްޓަން އިން ބުންޏެވެ.

ނެކްޓަން އިން ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ. ކަނޑުގެ 1،000 މީޓަރު އަޑި އަށް ސާވޭ ކުރުމަށް މިމަހުގެ 2 ގައި ފެށި މި މަސައްކަތް ނިންމާލާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.