އޮކްޓޯބާރު 2023 ގައި އިޒްރޭލުން ގާޒާ އަށް ދޭން ފެށި ވަރުގަދަ ހަމަލާތައް މިއަދާ ހަމައަށް އައި އިރު, ހަމާސް އާ ދެކޮޅު ގޭންގްތަކަށް ހަތިޔާރު ދީގެން ހަމާސްއާ ދެކޮޅަށް ނެރެފައި ވާކަމަށް ނަތަންޔާހޫ ބުނެފިއެވެ.

އެކްސްގައި ނަތަންޔާހޫ އާންމު ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ, ގާޒާގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަކަށް ނުވަތަ ގޭންގް ތަކަށް ހަތިޔާރު ދީފައި ވާ ކަމަށާއި, އެމީހުން ލައްވާ ހަމާސްގެ މީހުން މަރާނެ ކަމަށެވެ. އަދި އެކަން ކުރަން ފަށާފައި ވަނީ, އިޒްރޭލުގެ ސަމާލަތާ ބެހޭ އޮފިޝަލުންގެ އިރުޝާދާ އެއްގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މިއީ މިފަދަ ވާހަކައެއް އާންމުކޮށް މި ފަދަ އޮޕަރޭޝަނެއް ހިންގާ ކަމަށް އިޒްރޭލުން އިއުތިރާފުވި ފުރަތަމަ ފަހަރެވެ. ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ދޭތެރެ ދޭތެރެއިން ބަޑިޖަހާ އާންމުންގެ ބައެއް މީހުން ޝަހީދު ކުރުމުގައި ގާޒާގެ ތެރެއިން ބަޔަކު ހަރަކާތްތެރިވާ ކަމަށް މީގެ ކުދިން ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައި ވީ ނަމަވެސް މިއީ އިޒްރޭލުން މިފަދަ ޖަރިމާއެއް ހިންގާކަން ހާމަ ކުރި ފުރަތަމަ ފަހަރެވެ.

ނަތަންޔާހޫގެ މި ވާހަކަތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައި ވަނީ, ނަތަންޔާހޫ އެ ބުނާފަދަ އެއް ޖަމާއަތަކީ ނުވަތަ ބައިގަނޑަކީ, ރަފާ އަށް ނިސްބަތްވާ ޔާސިރު އަބޫ ސަހާބު ހިންގާ ޕޮޕިއުލާ ފޯސަސް ކަމަށެވެ. މި ޔާސިރަކީ ރަފާހަށް ނިސްބަތްވާ ދަރިކޮޅެއްގެ ލީޑަރެކެވެ.

އިޒްރޭލުގެ ނޫސްތަކުގައި ބުނާ ގޮތުން, އިޒްރޭލުން ހަތިޔާރު ދީގެން ގާޒާގެ ތެރޭގައި އެކި އެކި ގަބީލާތަކަށް ނިސްބަތްވާ މިފަހަ 100 އެއްހާ މީހުން ހަރަކާތްތެރިވެއެވެ. އެމީހުން ހަރަކާތްތެރިވަނީ އިޒްރޭލު ސިފައިންގެ ސީދާ އިރުޝާދާ އެއްގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ބައެއް ހާލަތްތަކާ ގުޅިގެން ޔާސިރު ހިންގާ ގްރޫޕުން ވާހަކަ ދައްކަމުން ދާ އިރު މިފަހުން ވަނީ, އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހިންގާ އެހީދޭ ޕްރޮގްރާމުގެ ކަންމުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެފައެވެ.

މި ގްރޫޕުގެ ތަކުގެ ވާހަކަ މިދުވަސްވަރު ފެންމަތިވެގެން އައިސްފައި ވާ އިރު އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔައި ބުނެފައި ވަނީ, އެފަދަ އޮޕަރޭޝަނެއް ހިންގާކަން އިޒްރޭލުގެ ކެބިނެޓުގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ އިޒްރޭލުގެ މިހާރުގެ ސަރުކާރުން ހަދާ ގޯހެއް ކަމަށާއި, ހަމާސް އާ އިދިކޮޅު ބައެއްގެ ނަމުގައި ހަތިޔާރު ދެނީ ކުށްވެރިންނަށް ކަމަށެވެ. އަދި އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ވަނީ އިންޒާރު ދީފައެވެ.