ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ސިލްސިލާ ގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ، މި އަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރު ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓް ކަމަށެވެ.

އެކި ދާއިރާތަކުން ހިންގާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިން މަރުހަލާގައި ހުރި މަޝްރޫއުތަކުގެ ތަފާސް ހިސާބު މައުލޫމާތުތައްމިއަދު ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މަގު ހެދުމާއި، ބޯހިޔާވަހި ކަމާ ގުޅޭ މަޝްރޫއުތަކުގެ ތަފާސް ހިސާބު ހިމެނެއެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ހަފްތާގެ މުހިއްމު ކަންކަމާއި އަދި ކުރިއަށް އޮތް ހަފްތާއަށް ރާވާފައިވާ މުހިއްމު ކަންކަމުގެ ވާހަކަވެސް ހިއްސާ ކުރިއެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާގެ މުހިއްމު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.