ރިޝްވަތުގެ ތުހުމަތުކުރެވިފައި ވަނިކޮށް އިސްތިއުފާ ދެއްވި، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީގެ މައްސަލަ ފުލުހުންނަށާއި އޭސީސީ އަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ސައީދުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ:

  • ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބަހައްޓާ ކަމަށް
  • މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ރިޝްވަތު ނަގާ ކަމަށް

އެ މައްސަލަ ޖޭއެސްސީން ބަލަމުން ދަނިކޮށް، މި މަހުގެ 6 ގައި ސައީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ސައީދު އިސްތިއުފާ ދެއްވުމުން އޭނާގެ މައްސަލަ ބެލުމުގެ ބާރު ޖޭއެސްސީ އަށް ވަނީ ގެއްލިފައެވެ. އެހެންވެ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެތީ މައްސަލަ ފައިލްކުރަން ނިންމާފައިވާ ކަމަށް، އެ ކޮމިޝަނުން ބުންޏެވެ.

ނަމަވެސް، އެ މައްސަލަ ބެލުމުގެ ހުރިހާ ބާރެއް ފުލުހުންނަށާއި އޭސީސީ އަށް ލިބިފައިވާތީ، އެ ދެ މުއައްސަސާ އަށް މައްސަލަ ހުށަހެޅުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބަލަނީ ކޮމިޓީ އެއް އެކުލަވާލައިގެންނެވެ. މައްސަލަ އެއް ބަލައި ނިންމުމަށް ފަހު، ފަނޑިޔާރުން ވަކިކުރުމަށް މަޖިލިހަށް ފޮނުވުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.