އަންނަން އޮތް ޖީލުތަކަށް އުފާވެރިކަން ހޯދައިދެވޭނީ ސަރުކާރުން ދަރަނި ނަގައިގެން ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ދަތި އުނދަގުލުގައި ވެސް، ދަރަނި ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދަރަނި ނެގުމުން، އަންނަން އޮތް ޖީލުތަކުގެ ކުދިންގެ ބޮލުގައި ދަރަނި އެޅޭ ވާހަކަ ބައެއް މީހުން ދައްކައެވެ. އެއީ ރަނގަޅު ވާހަކަ އެއް ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވައެވެ.

ނަމަވެސް، މިއަދު ދަރަނި ނުނަގައި، އެ ކުދިންގެ ބޮލުގައި ދަރަނި ނޭޅި ކަންކަން ނުކޮށްފި ނަމަ، އެ ކުދިން މުޅި އުމުރު ޖެހޭނީ މާލޭގެ ގެއެއްގައި "ގުލާން" ކޮށްދޭން ކަމަށް، ފައްޔާޒް ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން މިކަން ކޮށްގެން ކުރިއަށް އޮތް ޖީލުތަކުގެ ދިވެހިރާއްޖޭގެ ކަންކޮޅުގައި އެ އެކިއެކި ސަރަހައްދުގަ ތިބި އަޅުގަނޑުމެންގެ ޅަދަރިންނަށް އެބައެއްގެ އަމިއްލަ ވަތަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް މި ހެދެނީ މިއަދު މި ދަރަނި ނަގައިގެން."
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ހަނިމާދޫ އެއާޕޯޓު ހަދަން އިތުރު 100 އަހަރު ވަންދެން ލިބޭ އެއްޗަކުން ފުއްދާލައިގެން އަދިވެސް މަޑުކުރެވޭނެ ކަމަށާއި، ނަމަވެސް ރާއްޖޭގައި ދަރަނި ނެގުމުގެ ގާބިލްކަން އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭރަށް ވުރެ ވެސް އާމްދަނީ ރަނގަޅުވެއްޖެ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދާ ކަމަށެވެ.

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 136.6 މިލިއަން ޑޮލަރަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ

އެ މަޝްރޫއުގެ ދަށުން:

  • ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ގާއިމްކުރާނެ
  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ
  • އިތުރު ވަސީލަތްތައް ވެސް ގާއިމްކުރާނެ

އެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެ ކަމަށާއި، މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.