ޖޭއޭއާރްއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަމުންދާ މަނަފަރު ރިސޯތުގައި މަސައްކަުރަމުން ދަނިކޮށް ވަކިކުރި ހއ. ހޯރަފުށީ 29 މުވައްޒަފުންނާ އެއްކޮޅަށް ޓްރައިބިއުނަލް އިން މައްސަލަ ނިންމައިފިއެވެ.

އެ 29 މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައި ވަނީ ސެޕްޓެމްބަރު 8، 2020 ގައި ރިޑަންޑަންސީގެ ހާލަތު މެދުވެރިކަމަށް ބުނެއެވެ. އަދި އެ މުވައްޒަފުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައި ވާތީ އެ 29 މުވައްޒަފުން ތަމްސީލްކޮށް ޝުނާނާ އެންޑް ކޯ އެލްއެލްޕީ ލޯ ފާމުން ވަނީ އެ އަހަރުގެ ޑިސެމްބަރު މަހު ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅާފައެވެ.

އެ ގޮތުން އެ މައްސަލަ ބަލައި ނިންމާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމީ އެ 29 މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ. ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ މީހުންނާއި މިހާރު އެހެން ވަޒީފާއެއް ހަމަޖެހިފައިވާ މީހުން ފިޔަވައި ދެން ތިބި މީހުންގެ ވަޒީފާ އިއާދަކޮށްދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ވަނީ ޖޭއޭއާރްއެޗް މޯލްޑިވްސްއަށް އަންގާފައެވެ.

ހަމައެއާއެކު ވަޒިފާއިން ވަކިކުރި 29 މީހުންނަށް ގެއްލިފައިވާ މުސާރާއާއި އިންޔާތްތައް ދިނުމަށާއި ގާނޫނާ ހިލާފަށް އުނިކޮށްފައިވާ މުސާރާއާއި އިންޔާތްތައް ވެސް ދިނުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ. އަދި އެ ފައިސާ ރަސްމީ ބަންދު ދުވަސްތައް ނުލައި 30 ދުވަހުގެ ތެރޭގައި އެ މީހުންނަށް ދޭން ޖެހޭނެ ކަމަށް ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ވަނީ ބުނެފައެވެ.