މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް (ޔޭ) ބުނެފިއެވެ. ކާންޔޭ ވަނީ އޭނާގެ ނަން ޔޭ އަށް ބަދަލުކޮށްފައެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކިމް ވަނީ ކާންޔޭގެ ގާތުން ވަރިވުމަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ފަސް އަހަރު ދުވަސް ވަންދެން ދެމިގެން ދިޔަ މި ކައިވެންޏަށް ހަތަރު ދަރިންވެސް ވަނީ ލިބިފައެވެ. އެއީ ނޯތު 9، ސެއިންޓް 6، ޗިކާގޯ 4 އަދި ސާމް 3 އަހަރެވެ. ދެ ތަރިން ވަރިވުމުގެ މަރުހަލާގައިވެސް ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ "ކުޅިގަނޑެއް" ކުޅެލާފައެވެ.

އޭރު ކާންޔޭ ބުނީ ވަރިވާން ނިންމި ނިންމުމަކީ އޭނާގެ އަތުން ދަރިން އަތުލަންވެގެން ކުރި ކަމެއް ކަމަށާއި ވަރިވުމުންވެސް ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ވަރަށް ނުލިބޭ ކަމަށެވެ. މީގެ އިތުރުންވެސް ކާންޔޭ ވަނީ ދޮށީ ދަރި ނޯތު ޓިކްޓޮކް ކުޅޭތީ ވެސް ކިމް އާ ދިމާއަށް ވަރަށް އެއްޗެހި ކިޔާފައެވެ. މި ޓިކްޓޮކް އެކައުންޓަކީ ޖޮއިންޓް އެކައުންޓެކެވެ. ކާންޔޭ ބުނީ އޭނާއަށް ނޭނގި އޭނާގެ ހުއްދަ ނެތި ނޯތު އަށް ޓިކްޓޮކް ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ. އެކަމަށް ރައްދު ދެމުން ކިމް ބުނީ ނޯތު ޓިކް ޓޮކް އައިޑީ ބޭނުންކުރަނީ ބޮޑު މީހަކާ އެއްކޮށް ކަމަށާއި މަންމަ ކަމަށްވުމުން ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ބަލާކަމަށެވެ.

މީގެ އިތުރުން ވެސް ކާންޔޭ ވަނީ ކިމް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޕީޓް ޑޭވިޑްސަން އާއި ދިމާއަށް ވެސް އެއްޗެހި ކިޔާފައެވެ. އޭނާ ހަދާ މިއުޒިކަށް ފާޑުކިޔާފައެވެ.

"ގުޑް މޯނިން އެމެރިކާ" ޝޯގައި ބައިވެރިވަމުން ކާންޔޭ ބުނީ ކިމް އަށް ކަންތައްކުރެވުނު ގޮތާއި މެދު ވަރަށް ހިތާމަ ކުރާކަމަށާއި އޭނާގެ ކިބައިން މައާފަށް އެދޭކަމަށެވެ.

"ކޮންމެގޮތެއްވިޔަސް ކިމް އަކީ އަހަރެންގެ ކުދިންގެ މަންމަ. އޭނާއަށް ދެވުނު ސްޓްރެސް ތަކަށާއި ކުރެވުނު ތުރާލަށް މައާފަށް އެދެން. ބޭނުންވަނީ މިހާ ވީހާވެސް ބޮޑަށް ހަމަޖެހިލައިގެން ހުރެ ރަނގަޅުގޮތުގައި އެކުދިން ބޮޑުކުރަން،"

.