ޜާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، މެޑިކަލް ސަޕްލައި ހޯދުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން 189 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިއެސްޑީބީގެ ގަވަރުނަރު އެންޖީ ހާނީ ސަލާމް ސޮންބޯލް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރެއްގައި ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތީގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ފާހަގަ ކޮށްލެވޭ ދެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ، އެސްޓީއޯގެ ފަރާތުން އެސްަތީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެވެ. އެސްޓީއޯއިން ބުނާ ގޮތުން، މި 189 މިލިއަން ޑޮލަރުގެ އެއްބަސް ވުމަކީ، މިހާރު ހުރި މުރާބަހާ ޓްރޭޑް ފެސިލިޓީއެއް އާކޮށް، އިތުރުކުރުމުގެ ގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތު ކުރުމަށް ބޭނުންވާ ޕެޓްރޯލިއަމްގެ ބާވަތްތަކާއި، ކާޑުގެ ބާވަތްތަކާއި، ބޭސް އަދި މެޑިކަލް އިކުއިޕްމަންޓް ގަތުމަށް އެހީތެރިވެދޭނެ ފެސިލިޓީ އެކެވެ.
މިއަދު ސޮއި ކުރި ދެވަނަ އެއްބަސްވުމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ބޭނުންވާ ޓްރޭޑް ރިލޭޓެޑް ޓެކްނިކަލް އެސިސްޓެންސް ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުން މިފްކޯގެ ވާދަވެރިކަން އިތުރުކޮށް، ދުނިޔޭގެ ބާޒާރުތަކަށް މިފްކޯ އިތުރަށް ހުޅުވާލެވެނެ ކަމަށް ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ ސޮންބޮލް ވިދާޅުވީ، ކޮވިޑާ ހެދި ވަޅުޖެހުނު އިގްތިސޯދުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ފައިނޭންސް ކުރުމަށް އެސްޓީއޯއާއެކު ސޮއިކުރުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އަދި މިފްކޯއާއެކު ސޮއިކުރި އެމްއޯޔޫއަކީ ޓެކްނިކަލް އެސިސްޓެންސް އިނީޝިއޭޓިވްސްގެ ދަށުން މިފްކޯއަށް ލިބޭ ބޮޑު އެހީއެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ، އައިޓީއެފްސީ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައި، އައިޓީއެފްސީގެ ފަރާތުން ފަސޭހަ ވާ ކަމަށާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިފްކޯގެ ކެޕޭސިޓީ ޑިވެލޮޕްމަންޓަށް އެހީތެރިވުމުގެ ގޮތުން ސޮއިކުރެވުނު އެމްއޯޔޫއަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އެ އެމްއޯޔޫގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސީދާގޮތުން ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެސްޓީއޯގެ ވެސް ސީއީއޯ އަދި އެމްޑީގެ އިތުރުން މިފްކޯގެ ޗެއާމަންކަންވެސް އޮންނަ އަމްރު ވަނީ އައިޓީއެފްސީއިން ވެދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މި އެހީގެ ސަބަބުން މުހިންމު ދާއިރާތަކުން އިގްތިސޯދީ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދޭ އިރު، ގައުމުގައި ހަކަތަ އާއި ކާބޯތަކެއްޗާއި ބޭސްވެރިކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕްގެ މެންބަރެކެވެ. މިއީ އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ އެންމެ ބޮޑު މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. 2008 ވަނަ އަހަރުގެ ޖެނުއަރީ މަހު އައިޓީއެފްސީ އިން އޯއައިސީގެ މެންބަރު ގައުމުތަކަށް 66 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދީފައިވާ އިރު، މިއީ މި މެންބަރު ގައުމުތަކުގެ ބޭނުންތަކަށް ޓްރޭޑް ސޮލިއުޝަންތައް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އޯއައިސީގެ މެންބަރު ގައުމުތަކަށާއި، އޯއައިސީގެ މެންބަރު ގައުމުތަކަށް ޓްރޭޑް ޑިވެލޮޕްމަންޓްގެ ރޮނގުން އިތުރު ބާރަކަށް ވުމުގެ މަގްސަދުގައި، މި ކޯޕަރޭޝަނުން މެންބަރު ގައުމުތަކުގެ އިދާރާތަކަށް ޓްރޭޑް ފައިނޭންސްގެ ދާއިރާއިން މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައި ދީ، ވިޔަފާރިއާ ގުޅުން ހުރި ކެޕޭސިޓީ ބިލްޑިން އާލާތްތައް ފޯރުކޮށްދީ، ދުނިޔޭގެ ބާޒާރުގައި ކާމިޔާބު ކަމާއެކު ވާދަ ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
ޓްރޭޑް ފައިނޭންސިން ފެސިލިޓީ އަކީ، ދެފަރާތެއްގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތަކަށް 3 ވަނަ ފަރާތަކުން ފައިސާ ދައްކައި ގޮތަށް މުއާމަލާތް ކުރުމަށް ބޭނުންކުރާ ވިޔަފާރި ޓާމެކެވެ. އެ ގޮތަށް 3 ވަނަ ފަރާތަކުން ފައިސާ ދައްކައިދެމުން ގެންދިޔުމުގެ ބޭނުމަކަށް ވަނީ، ހިނގަމުން ދާ ވިޔަފާރިތައް ހުއްޓުމެއް ނެތި ހިނގަމުން ދިޔުމަށް މަގުފަހި ކޮށްދިނުމެވެ.
ރާއްޖެއަށް މިދިން 189 މިލިއަން ޑޮލަރުގެ ފެލިޓީގެ އިންޓަރެސްޓް ރޭޓެއް، އަނބުރާ ދައްކަން ޖެހޭ ގޮތެއްގެ ތަފްސީލެއް އެސްޓީއޯއަކުން ހާމައެއް ނުކުރެއެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ލޯނު ނެގުން މިވަނީ އާންމު ކަމަކަށް ވެފައި. އެސްޓީއޯއިން ވަކި މިނެއްނެތި ދިވެހި ރައްޔިތުން ދަރުވަމުންދާ މައްސަލަ ބަލާކަށް ނުވޭބާ.