ސަރުކާރުގައި ތިއްބަސް، ނުވަތަ އިދިކޮޅުގައި ތިއްބަސް، ގައުމަށް ދެރަ ގޮތެއް ދިމާވާ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށް ވާއިރު، މިއަދު ގައުމު އޮތް ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މިއީ (ގައުމުގެ ހާލަތަކީ) މިއަދު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް. އެ ކަންބޮޑުވުން ގުޅިފައިވަނީ އިސްލާމްދީނުގަ ހަރާމްކުރައްވާފައިވާ ކަންކަމާއި ނަހީކޮށްފައިވާ ކަންކަމަށް އަރައިގަންނަކަން އިތުރުވަމުން ދާތީ ކަން އަޅުގަނޑު ފާހަގަކޮށްލަން."
މުހައްމަދު ނާޒިމް | އެމްއެންޕީގެ ރައީސް

ނާޒިމް ވިދާޅުވި ގޮތުގައި، އެމްއެންޕީގެ ފަލްސަފާ ބިނާވެފައި ވާނީ ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ދޭ ގޮތަށް އޮންނަ ސިޔާސަތެއްގެ ގޮތުގައި، އަދި އެ ޕާޓީން މަސައްކަތް ކުރާނީ އިސްލާމްދީނުގެ އުސޫލުތައް ކުރިއެރުވުމަށެވެ.

ހަމަ އެއާއެކު، ރާއްޖޭގެ މިނިވަން ކަމަށް ހިޔަނި އެޅޭނެ ފަދަ އެއްވެސް ކަމެއް އެމްއެންޕީން ނުކުރާނެ ކަމަށާއި، ސަރުކާރާއި އެއްފަޅީގައި ތިއްބަސް، ނުވަތަ އިދިކޮޅުގައި ތިއްބަސް، ގައުމަށް ދެރައެއް ލިބޭ ފަދަ އެއްވެސް ކަމެއް އެ ޕާޓީން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނާޒިމް ވަނީ ދެއްވައިފައެވެ.

"އަޅުގަނޑު ދެންނެވޭނީ "ނެޝަނަލްސް" އަކީ މި ވިސްނުމުގެ ތެރޭގަ ފުރިހަމަ މާނައިގަ ވާސިލްވެވޭނެހެން އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރާނެ ބައެއްގެ ގޮތުގަ. މިގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ހިޔަނި އެޅޭ އެއްވެސް ކަމެއް ބަހާއި އަމަލުން ނުކުރާނެ ކަމަށް ބުނެ، އެފަދަ ސިޔާސަތެއް އަޅުގަނޑުމެން ވަނީ ހިޔާރުކޮށްފަ. އެހެންކަމުން ސަރުކާރުގަ، ސަރުކާރުން ބޭރުގަ އަޅުގަނޑުމެން ތިބި ކަމުގައި ވިޔަސް، އިދިކޮޅު ޕާޓީއެއް ގޮތުގައި އަޅުގަނޑުމެން ހަރަކާތްތެރި ވިޔަސް، ގައުމަށް ދެރަގޮތެއް ވާ ނަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ކަމެއް ނުކުރާނަން."
މުހައްމަދު ނާޒިމް | އެމްއެންޕީގެ ރައީސް

"ސިޔާސަތު މިއަދު ކަނޑައެޅުމުގަ އަޅުގަނޑުމެން ނިންމީ އެ ފުރުސަތު ނުދޭން. ރަނގަޅު ކަމެއް ސަރުކާރުން ކޮށްފިކަނަމަ އެކަމަށް އަޅުގަނޑުމެން ސަނާ ވެސް ކިޔާނަން." ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް އެ ޕާޓީގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ދިވެހިންނަށް އިސްކަންދިނުން ކަމަށް، ނާޒިމް ވިދާޅުވިއެވެ.