އިއްޔެ ފާސްކުރި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާންމު ސިޔާސަތުތަކަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭ އެ ޕާޓީން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

މީގެ އަހަރެއް ކުރިން ރަޖިސްޓްރީކުރި އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ވަގުތީ މަރުހަލާ އަށް ފަހު އެ ޕާޓީން މިސްރާބު ޖަހާފައި ވަނީ ކުރިއަށް، ގިނަ އުންމީދުތަކަކާ އެކުގައި ކަމަށެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ބޭއްވި އެމްއެންޕީގެ ކޮންގްރެސްގައި، ޕާޓީގެ މެންބަރުންގެ ހިޔާލާ އެކު ޕާޓީގެ ސިޔާސަތުތައް ކަނޑައަޅައި ފާސްކުރެވިއްޖެ ކަމަށާއި، އެ ސިޔާސަތުތަކަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭ އެ ޕާޓީން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އާންމު ސިޔާސަތު ލިޔުމަކީ ކުރިއަށް އޮތް ތަނުގަ މި ޕާޓީން މަސައްކަތްކުރަން ހިޔާރުކޮށްފައިވާ ގޮތް، އަންގައިދޭ ގޮތް، އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ގޮތް ވެސްމެ."
ނާޒިމް

އަދި ސިޔާސަތުތައް އެކުލަވާލުމުގައި އެ ޕާޓީގެ މެންބަރުންގެ ހިޔާލާއި، ސިޔާސީ އެހެނިހެން ތަޖުރިބާކާރުންގެ ހިޔާލު ލިބުނު ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެ ސިޔާސަތުތަކާ އެކު، ރާއްޖޭގެ މުސްތަގުބަލު އުޖާލާ ކުރައްވާނެ ކަމަށް ވިދާޅުވެ، ނާޒިމް ވަނީ ސިޔާސަތުތަކަށް އަލި އަޅުވާލައްވާ ފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި ނުވަ ބަޔަކަށް ބަހާލައިގެން 58 ސިޔާސަތެއް އެމްއެންޕީން ފާސްކޮށްފައި ވެއެވެ. އެ ނުވަ ބަޔަކީ:

  • ދީނާއި ގައުމިއްޔަތު
  • ފުދުންތެރިކަން އިތުރުކުރުން
  • ހައްގުތަކާއި ހިޔާވަހިކަން
  • ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ
  • އިގްތިސޯދާއި ދަތުރުފަތުރު
  • ހެޔޮ ވެރިކަމެއް ކުރުމާއި އުފާ ފާގަތިކަން ދެމެހެއްޓުމާއި އާލާކުރުން
  • އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން
  • ދިވެހި ވެށީގެ ރައްކާތެރިކަން ހިމާޔަތްކުރުން
  • ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން

އެމްއެންޕީގެ ކޮންވެންޝަން ނިންމި ރަސްމިއަޔާތުގައި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގަތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަހުމަދު ޝަރީފް ހިމެނެއެވެ.