ޗައިނާގައި 2018 އިން 2020 އަށް ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ފޫ ޒެންހުއާ، ރިޝްވަތުގެ ތުހުމަތުގައި ޖަލަށް ލައިފިއެވެ.

ކޮރަޕްޓް އެތައް ސިޔާސީ ފަރާތަކާއި، އެތައް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަށް ކުރިން ބެއްލެވި ޖަސްޓިސް މިނިސްޓަރު ބެދުނީ، 117 މިލިއަން ޔުއާން، (14.7 މިލިއަން ޑޮލަރު) ގެ ހަދިޔާއެއްގައި ހިއްޕެވުމުގެ ކުށުގައެވެ.

ޗައިނާގެ ފަހުގެ ތާރީހުގައި ކޮރަޕްޝަންގެ މައްސަލައެއްގައި ތާށިވެ ޖަލަށް ލީ ބާރުގަދަ އޮފިޝަލެއް ކަމަށް ވާ، ޒޯ ޔޮންގްކަންގް ގެ މައްސަލަވެސް ބެއްލެވި ޖަސްޓިސް މިނިސްޓަރު ރިޝްވަތުގެ ތުހުމަތުގައި ތާށި ވި އިރު، ކުރީގެ 3 ޕޮލިސް ޗީފަކުވެސް ވަނީ ރިޝްވަތުގެ ތުހުމަތުގައި ޖަލަށް ލައިފައެވެ.

މި 4 ބޭފުޅުންނަށް ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި ވާ އިރު، މި 4 ބޭފުޅުން، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އަށް ވަފާތެރި ނުވުމުގެ ކުށްވެސް އެބައޮތެވެ. އަދި މި 4 ބޭފުޅުންވެސް މަސައްކަތް ކުރެއްވީ، ކޮރަޕްޝަންގެ ތުހުމަތުގައި މިހާރުވެސް ޖަލުގައި ހުންނެވި ސިޔާސީ ލީޑަރެއް ކަމުގައި ވާ ސުން ލިޖޫންގެ ވިސްނުމާ އެއްގޮތަށް ކަމަށްވެސް ބުނެއެވެ.

ކުރީގެ ޖަސްޓިސް މިނސިްޓަރު ޖަލަށް ލި އިރު، އޭނާއަށް މަރުގެ ހުކުމް އަންނާނެ ކަމަށާއި ނަމަވެސް އެ ހުކުން އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގައި ކޮންމެ 5 އަހަރަކުން 1 ފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ އިންތިހާބު އޮކްޓޯބަރުގައި އޮންނަ އިރު، އެ އިންތިހާބުވެސް ކާމިޔާބު ކުރައްވާނީ ޝީ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިފަހަރު ޝީ އަށް ކާމިޔާވެ ވެއްޖެނަމަ، މިއީ ޖައްސަ ޖައްސައިގެން އޭނާ ފުރުއްވާނެ 3 ވަނަ ދައުރެވެ. އަދި މި ދައުރު ލިބިވަޑައިގެންފި ނަމަ، ވެރިކަމުގެ ބާރުތައް އިތުރަށް ވަރުގަދަ ކުރައްވާ، ދެކޮޅުވެރި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ވެސް އަދަބު ދެއްވާނެ ކަމަށް ބެލެވެއެވެ.

ދާދި ފަހުން މަޝްހޫރު އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކް މާ އަށްވެސް ޗައިނާ ސަރުކާރުން ފިޔަވަޅު އަޅާ ވަނީ ބޮޑު ޖޫރިމަނާ އެއް ކޮށްފައެވެ.