ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށް ދިނުމަށް އެދި ހުށަހެޅި އިރު އޭގައި ފަންނީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީ، އަލުން އިސްލާހުކޮށް މައްސަލަ ހުށަހެޅުމުން ދައުވާކޮށްދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީން މިހެން ބުނެފައި ވަނީ، ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހުންނަށް ދައުވާ ކުރެވޭނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެންބަރަކު މިއަދު ކުރި ސުވަލާކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މައްސަލައިގައި އޭސީސީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ފަހުން ތަހުގީގު ނިންމައި ފޮނުވި އިރު ކުދިކުދި ފަންނީ ކަންތައްތަކެއް އިސްލާހުކުރަން ހުރި ކަމަށެވެ.
އެއީ މާ ބޮޑެތި ކަންކަމެއް ނޫން ކަމަށާއި އެ ކަންކަން އިސްލާހުވީމައި އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. މިހާރު ލިބިފައިވާ މައުލޫމާތުން އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭސީސީން ތަހުގީގު ނިންމައި ފޮނުވިއިރު ހުރީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް ޝަމީމް ވިދާޅެއް ނުވެއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ވެސް ގެންދިޔައެވެ. އޭސީސީން ދައުވާކުރި މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެމްބަރުންތަކެއް ވެސް ހިމެނެއެވެ. އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
އެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެއްބަސްވުމެއް ނެތި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެ ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަމުން 'ގުޑްސް ރިސީވްޑް' ކަމަށް ދައްކައިގެންނެވެ. އެކަމަކު އޭރު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ނުލިބި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފައެވެ.
ވެންޓިލޭޓާރު މައްސަލައިގެ ތަހުގީގުގައި ހުރި ފަންނީ މައްސަލަތައް ހައްލުކޮށް އަލުން ހުށަހަޅަން އެދިފައިވާ އިރު، މިހާތަނަށް ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ތިން ފަހަރު އޭސީސީން ވަނީ ޕީޖީއަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު މައްސަލައިގައި ދައުވާކޮށް ނުދީ ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެހެންކަމުން އެ މައްސަލަ ފައިލްކޮށްފަިއވާ ކަމަށް އޭސީސީން ވަނީ މިދިޔަ އޮގަސްޓް މަހު ބުނެފައެވެ.