އިންޑިއާގައި މުސްލިމުންނާ ދެކޮޅު ބޮޑު އޮއިވަރެއް ހިނގަމުން އަންނަ އިރު، ކޮންގްރެސް ޕާޓީގެ ރެލީއެއްގައި ބުރުގާ އެޅި ކުޑަ އަންހެން ކުއްޖެއްގެ އަތުގައި ހިއްޕަވައިގެން ރާހޫލް ގާނދީ ހިންގެވުމުން ވެރިކަން ކުރާ ބީޖޭޕީން ފާޑުކިޔައިފިއެވެ.

އިންޑިއާގެ ރައީސް ނަރެންދްރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ، ބީޖޭޕީގެ ކަރްނާޓަކާ ލީޑަރު ސީޓީ ރަވީ ބުނެފައި ވަނީ، ބުރުގާ އެޅި ކުޑަކުއްޖެއްގެ އަތުގައި ހިއްޕަވައިގެން ރާހޫލް ހިންގަވަނީ، މުސްލިމުން މަތިވެރިކުރަން ކަމަށެވެ. އަދި އެއީ ހިތުން، ސިޔާސީ ގޮތުން ބާރުހޯދަން ކުރައްވާ ކަމެއް ކަމަށާއި އެއީ "ފޭކް ގާނދީސް" ކަމަށް ބުނެ އޭނާ ވަނީ ފާޑުކިޔާފައެވެ.

ކަރްނާޓަކާގެ ބީޖޭޕީ ލީޑަރު މުސްލިމުންނަށް ކުޑައިމީސް ވާ ގޮތަށް މި ވާހަކަ ދެއްކި އިރު، ކަރްނާޓަކާގެ ސްކޫލަކަށް ބުރުގާއެޅި މުސްލިމް ކުދިން ނުވައްދަން، ތަޅާ، ބުރުގާ ބާލުވައި އެތައް ހަމަނުޖެހުމެއް ހިންގި މައްސަލަ އާ ގުޅިގެން ބުރުގާ އެޅޭނެކަމަށް ކަނޑައަޅަން، އާންމުންގެ ބަޔަކު އިންޑިއާގެ ސްޕްރީީމް ކޯޓަށް ހުށަހަޅާފައި މައްސަލައެއްގައި ކަރްނާޓަކާ ސަރުކާރުން މިހާރުވެސް ގެންދަނީ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.

މި ރަވީ ވަނީ ރާހޫލް ގާނދީ، ކްރިސްޓިއަން ފާދިރީ އަކާ ބައްދަލު ކުރައްވައިގެން ވެސް ފާޑުކިޔާ، އެމީހުން ގަބޫލު ކުރާ ޝަކްތީ ކަލާނގެ އަށް ވުރެ އީސާގެފާނު މަތިވެރި ކުރާ ކަމަށް ބުނެފައެވެ.

ބުރުގާ އެޅި ކުޑަ އަންހެން ކުއްޖެއްގެ އަތުގައި ހިއްޕަވައިގެން ރާހޫލް ގާނދީ ހިންގެވީ، މުޅި އިންޑިއާ އެކަތިގަނޑަކަށް ހެއްދުމުގެ ޝިއާރުގެ ދަށުން ކޮންގްރެސް ޕާޓީން މިހާރު ކުރިއަށް ގެންދާ ބޮޑު ހިނގާލުމުގައި ކެރެލާ އަށް ވަޑައިގެންނެވެ. 150 ދުވަހަށް ދެމިގެންދާ 3750 ކިލޯމީޓަރުގެ މި ހިނގާލުމުގައި ރާހޫލް އާއި ކޮންގްރެސް ޕާޓީގެ މެންބަރުން މިހާރު ކެރަލާގައި ތިއްބެވި އިރު، ކެރަލާ ނިންމާ އޮކްޓޯބަރު 1 ވަނަ ދުވަހު ކަރްނާޓަކާ އަށް ވަޑައިގަންނަވާނެއެވެ.

ސެޕްޓެމްބަރު 7 ވަނަ ދުވަހު ޓެމިލްނާޑޫގެ ކަންޔާ ކުމާރީން ފެއްޓެވި މި ބޮޑު ހިނގާލުމަކީ ފައިމަގުގައި ގޮސް ޖަންމޫ އެންޑް ކަޝްމީރަށް ނިންމާ ގޮތަށް ފަށާފައިވާ ހިނގާލުމެކެވެ.