ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ސިނަމާ ކަމަށްވާ އޮލިމްޕަހުގެ މަސައްކަތްތައް އަންނަ މަހު ނިމޭނެ ކަމަށް، އާޓްސް މިނިސްޓްރީން ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން 2020 ގައި ހަލުވިކަމާ އެކު ފެތުރުނު ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ދަށުން، އެ އަހަރުގެ އޭޕްރިލް މަހު އޮލިމްޕަސް ބަންދުކުރުމަށް ފަހު، މިދިޔަ އަހަރުގެ މާޗު މަހުގައި ވަނީ އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފައެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ އޮލިމްޕަހުގެ މަސައްކަތްތައް ނިމޭނެ ތާރީހަކާއި މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ ތަފްސީލް ހޯދުމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޔުމްނާ ލިއުމުން ދެއްވި ޖަވާބު ވަނީ މަޖިލިހުގެ ތަޅުމުގައި އިއްވައިފައެވެ.

ޖަވާބުގައި ޔުމްނާ ވިދާޅުވީ، އަންނަ މަހުގެ ނިޔަލަށް އޮލިމްޕަހުގެ މަސައްކަތްތައް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއާ އެކު އެތަނުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ ތަފްސީލު ވެސް ޔުމްނާ ވަނީ ދެއްވައިފައެވެ.

އޮލިމްޕަހުގައި މިހާރު ކުރެވެމުންދާ ބައެއް މަސައްކަތްތަކާއި ނިމިފައިވާ ބައެއް މަސައްކަތްތައް

  • އޮލިމްޕަހުގައި ހިންގޭ ހަރަކާތްތައް އިޝްތިހާރު ކުރުމަށް އެ ތަނުގެ މައި ގޭޓު މަތީގައި ލެޑް ޕެނަލެއް ވަނީ ހަރުކޮށްފައި
  • ލެޑް ޕެނަލް ވަށައި ޖަހާ ކްލެޑިންގެ މަސައްކަތް ދަނީ ކުރެވެމުން
  • ޑާންސް ޕްރެކްޓިސް ރޫމްތަކުގެ ފާރުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ދަނީ ކުރެވެމުން
  • އެ މަސައްކަތް ނިމުމުން ތަޅުން އެޅުމުގެ މަސައްކަތް ފެށޭނެ

ނަމަވެސް ބައެއް މަސައްކަތްތައް ނުނިމި ލަސްވެގެން ގޮސްފައިވާ ކަން ވެސް ޔުމްނާ ފާހަގަކުރައްވާފައިވެއެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ، ބައެއް މަސައްކަތްތައް ކުރުމަށް އިއުލާނު ކުރުމުން، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމެވެ. އޭގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަކީ:

  • ފިލްމު އެޅުވުމަށް ބޭނުންވާ ޕްރޮޖެކްޓަރެއް ހޯދައި ސަރައުންޑް ސައުންޑް އިންސްޓޯލްކުރުން
  • ފިލްމު އެޅުވުމަށް ބޭނުންވާ ރީޓްރެކްޓެބަލް ސްކްރީނެއް ހޯދުން

އެހެންވެ، އެ މަސައްކަތްތައް ސިންގަލް ސޯސް އުސޫލުން، އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްތައް ނިންމުމަށް ފަރާތަކާ ހަވާލުކޮށްފައިވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް އޮލިމްޕަހުގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ މަސައްކަތްތައް ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުފަށާތީ، ނުވަތަ މަސައްކަތް ކުރެވެން ނެތުމުން ކަމަށް ވެސް މިނިސްޓަރު ފާޙަގަކުރެއްވިއެވެ. އެގޮތުން:

  • ހޯލާއި ރިހާސަލް ރޫމްތަކަށް ބޭނުންވާ އެކޯސްޓިކްސް ޓްރީޓްކުރާ މެޓީރިއަލް ހޯދުން (އެ މަސައްކަތާ ހަވާލުވި ފަރާތުން މަސައްކަތް ކުރެވެން ނެތް ކަމަށް ބުނުމުން، އެ މަސައްކަތް ވަނީ އަންނަ ނޮވެމްބަރުގެ 16 އަށް ނިންމުމަށް އެހެން ފަރާތަކާ ހަވާލުކޮށްފަ)
  • ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމްކުރުމަށް ހަދާ ޕްލެޓްފޯމް ހެދުން (އެ މަސައްކަތްތާ ހަވާލުވި ފަރާތުން ސޮއިކުރެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ފެށިފައި ނުވާތީ އެ އެއްބަސްވުން ބާތިލްކޮށް މިދިޔަ ހޮނިހިރުގެ ނިޔަލަށް ނިންމުމަށް އެހެން ފަރާތަކާ ވަނީ ހަވާލުކޮށްފަ)

އޭގެ އިތުރުން:

  • ސައުންޑާއި ލައިޓް ހޯދަން ބަޔަކާ އެކު މަޝްވަރާކޮށް، ކޯޓޭޝަން އޮތީ ބިޑް ކޮމިޓީ އަށް ފޮނުވުމުގެ މަރުހަލާގައި
  • މިއުޒިޝަނުންނަށް ހަރަކާތްތައް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ސްޓޭޖެއްގެ ޑިޒައިން ނިންމައި، ބެކްޔާޑުގައި ކުރަން ހުރި އެހެން މަސައްކަތްތައް ރާވައި އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން

މީގެ ކުރިން ވެސް އޮލިމްޕަސް ހުޅުވަން އެތައް ތާރީހެއް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ދިން ނަމަވެސް، މި މަހު ހުޅުވޭނެ ކަމަށް އޭރު ބުންޏެވެ.

ދެ އަހަރު ފަހުން އަންނަ މަހު އޮލިމްޕަސް ހުޅުވާއިރު، އެންމެ ފުރަތަމަ އަޅުވާނެ ފިލްމަކީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" އެވެ.