މަޝްހޫރު ތަރިންނާއި ވައްތަރު މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެއެވެ. އެމީހުން އާންމުންގެ ސަމާލުކަން ހޯދަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްލާ ފޮޓޯ އަކުންނެވެ. ބޮލީވުޑްގެ ގިނަ ފަންނާނުންނާއިވެސް ވައްތަރު އެތައް ބަޔަކާއި މިހާރު ދިމާވެއްޖެއެވެ. މިފަހަރު މިއޮތީ އަނިލް ކަޕޫރާއި ވައްތަރު މީހެއް ފެނިފައެވެ.

ނަވާރަސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު "ހަމާރޭ ތުމްހާރޭ" އިން ބޮލީވުޑަށް ނުކުތް ކާމިޔާބު އެކްޓަރު އަނިލް ކަޕޫރާއި ވައްތަރު މީހެއް ދާދިފަހުން މިވަނީ ސޯޝަލް މީޑިއާ ފަތަހަ ކޮށްފައެވެ. މި މީހާ އަކީ ޔުނައިޓެޑް ސްޓޭޓްސް އަށް ނިސްބަތްވާ ޖޯން އެފާ އެވެ. ޖޯން އަކީ ފިޓްނަސް ކޯޗެކެވެ. މީގެ ދެދުވަހެއްހާ ދުވަސްކުރިން އަނިލް ކަޕޫރުގެ ރަންޒަމާނުގެ ފޮޓޯއަކާއި ޖޯންގެ ފޮޓޯއެއް ކޮލާޖަކަށް ހެދުމަށްފަހު ޖޯން ވަނީ އެ ފޮޓޯ އިންސްޓަގްރާމަށް ޕޯސްޓްކޮށްފައެވެ.

އެ ފޮޓޯ ޕޯސްޓްކުރުމާއެކު އެވަނީ ވައިރަލްވެފައެވެ. ފޮޓޯ ޕޯސްޓުކުރުމަށްފަހު ޖޯން ބުނީ ބޮލީވުޑުން ކޯލެއް އާދޭތޯ އޭނާ އިންތިޒާރުގައި ހުރި ކަމަށެވެ. އެ ޕޯސްޓަށް މީހަކު ކޮމެންޓްކުރަމުން ބުނީ ޖޯން ބޮލީވުޑަށް ދާން މާގިނަ ދުވަހެއް ނެތް ކަމަށާއި ފުލުފުލުގައި ދެން ކޯލުތައް އޭނާ އަށް އަންނާނެކަމަށެވެ. އެ ފޮޓޯގައި ޖޯން އާއި އަނިލް އާއި ވަރަށް ވައްތަރުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

އަނިލް އާއި ވައްތަރު މީހެއް ފެނިގެންދިޔަ އިރު މީގެ ކުރިން ވަނީ ޕްރިޔަންކާ ޗޯޕްރާ، ޕަރިނީތީ ޗޯޕްރާ، ކެޓްރީނާ ކައިފް، ދީޕިކާ ޕަޑުކޯން، ޓައިގާ ޝްރޮފް އަދި ވިރާޓް ކޯލީ އާއި ވެސް ވައްތަރު މީހުން ފެނިގެން ގޮސްފައެވެ.

ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ ވަރުން ދަވަން، ކިއާރާ އަދުވާނީ އަދި ނީތޫ ކަޕޫރާއެކު ފެނިގެންދިޔަ ފިލްމު "ޖުގް ޖުގް ޖިއޯ" އިންނެވެ. އަނިލް އަކީ މިއަދުވެސް ބޮލީވުޑްގައި ނަން މަޝްހޫރު ފަންނާނެކެވެ.