ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
ޒަމާންތަކެއް ވަންދެން ވެރިކަން ކުރާ ރަށުގައި މަރުކަޒުކޮށްފައި ހުރި ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލައި، ރަށްރަށުގެ ކަންކަމަކީ އެ ރަށްރަށުގެ ރައްޔިތުން އިންތިބާކުރާ ކައުންސިލަރުން މެދުވެރިކޮށް ނިންމާ ކަންކަމުގެ ގޮތުގައި ކަނޑައެޅިގެންދިޔުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ތާރީހުގައި ވެސް ހޯދިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީއިން ބުނެއެވެ.
އެގޮތުން ރަށްރަށުގެ އިހުތިސޯސް ކަނޑައެޅި، އެ ރަށެއްގެ ވަށައިގެންވާ ގުދުރަތީ ވެށި ބޭނުންކޮށްގެން އާމްދަނީ އަދި މަންފާ ހޯދޭ ގޮތަށް އެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަކީ މާލީ ގޮތުން މިނިވަންވުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއްކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުން އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ.
އެމްޑީޕީއިން ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން އެ ޕާޓީއިން ކުށްވެރިކުރާ ކަމަށެވެ. އަދި ރަށްރަށުގެ މައްޗަށް ބާރުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަން އެ ޕާޓީއިން ގަބޫލުކުރާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ، އަޑުއުފުލުމަށް އެމްޑީޕީއިން ވަނީ ކައުންސިލަރުންނަށް ގޮވާލާފައެވެ. އަދި އެންމެހާ ރައްޔިތުން އެ ބިލާ ދެކޮލަށް އިޖުތިޖާޖު ކުރުމަށް އެ ޕާޓީއިން ގޮވާލާފައިވެއެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންވާނެއެވެ. އެއީ އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސޯދީ މަސައްކަތެއް ކަމުގައި ނުވުމާއި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައިވުމުގެ އިތުރުން އެ މަސައްކަތުގެ އިންވެސްޓްމެންޓް 10،000،000ރުފިޔާއަށްވުރެ ބޮޑުވުމެވެ.
އެ ޝަރުތުތައް ހަމަނުވާ މަސައްކަތެއް މިހާރު ކުރަމުންދާނަމަ، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެއެވެ.
ކައުންސިލުތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓުތައް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށާއި އަދި އެ މިނިސްޓްރީއިން އެދިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް ދޭންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކައުންސިލުގެ ދައުރު ހަމަވާން ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.