ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ 2 އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތް ހިންގާފައި ވެއެވެ. އޭގެ ތެެރޭގައި ހިމެނެނީ ސްވޯން ފެމިލީ، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ.
އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު، އަހްމަދު އަދުހަމް އާ ބެހޭ ގޮތުންނެވެ.
24 ސޮފްހާގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މުއާމަލާތްތަކަކީ:
- ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި (ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު)
- އެ ފައިސާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި
- އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
- އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް
އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ވެސް މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
މި ރިޕޯޓު އާންމުވުމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ އެ ރިޕޯޓުގެ ސައްހަ ކަމާ މެދު، ސުވާލު އުފައްދަވައިފިއެވެ. ސަބަބެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައި ނުވުމެވެ.
ޝުޖާއުގެ ކުންފުނިތަކަށް ގުޅޭގޮތުން އެމްއެމްއޭގެ އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްސަލަ ފެންމަތިވެފައި ވާއިރު، އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އިސްމާއިލް ސާޖިދު އެ މަގާމަށް އައްޔަން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.