އާއިލާ މެމްބަރަކު ނުވަތަ އެކުގައި މަސައްކަތް ކުރާ މީހަކު ކުއްލިއަކަށް މެސެޖުކޮށް ފައިސާ ފޮނުވަން އެދުނު ނަމަވެސް އެކަން ގުޅާ ޔަގީންކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް ބީއެލްއެލް އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލް އިން ވަނީ ހަގީގަތުގައިވެސް އެ މެސެޖަކީ އެ ފަރާތުން ކުރި މެސެޖެއްތޯ ޔަގީން ކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށާއި، މިފަދަ ސްކޭމްތައް ފަހަކަށް އައިސް އިތުރުވެފައިވާކަމަށް ބުނެފައެވެ.
މިފަދަ ސްކޭމް މެސެޖުތަކުގެ އިތުރުން ބީއެމްއެލްގެ ނަމުގައިވެސް ސައްހަ ނޫން މެސެޖުތައް ދޭތެރެދޭތެރެއިން ދަނީ ދައުރުކުރަމުންނެވެ. އެގޮތުން އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރަން އެދި ކަމަށް ބުނެވެސް ފަހަކަށްއައިސް މެސެޖުތަކެއް ދައުރުކޮށްފައިވެއެވެ. ނަމަވެސް ބީއެމްއެލް އިން ވަނީ އެފަދަ މެސެޖުތަކަކީ މަކަރާއި ހީލަތުން ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށާއި އެ މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރު ތަކަކުން ކަމަށް ބުނެފައެވެ.
ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.