ކަނޑުމަހަކީ ދިވެހިންގެ ކެއުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު، ރަހަ މީރު އަދި ހަށިގަނޑަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި މަސް ބޭނުންކުރެއެވެ. ނަމަވެސް މަސް ރަނގަޅަށް ބެލެހެއްޓިފައި ނުވާނަމަ "ހިސްޓަމިން ޕޮއިޒަނިން" ނުވަތަ ހިސްޓަމިން ވިހަވުން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިންސާނުންނަށް ސިއްހީ ގޮތުން ނުރައްކާތެރި ކަމަކަށްވާއިރު މިކަމުން ރައްކާތެރިވާނެ ގޮތްތައް ދެނެގަނެފައި އޮތުމަކީ މުހިންމު ކަމެކެވެ.

ހިސްޓަމިން އަކީ ކަޅުބިލަމަސް، ކަންނެލި ނުވަތަ ލައްޓިފަދަ މަސްމަހުގައި ގުދުރަތީ ގޮތުން އެކުލެވޭ ބެކްޓީރިއާއެއް އުފައްދާ އެންޒައިމަކުން މަހުގައި އުފެދޭ ވިހަ މާއްދާއެކެވެ. މިއީ ކަނޑުމަހުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ކުރިމަތިވާ ނުރައްކަލެކެވެ.

މަސް މަރުވުމަށްފަހު މަހުގެ ކަރު ގަނޑާއި، ގޮހޮރުގެ އިތުރުން ހަމުގައި އެލުވޭ ބެކްޓީރިއާތައް މަހުގެ މަސްގަނޑުގައި އެކުލެވޭ ހިސްޓިޑިން، ހިސްޓަމިން އަށް ބަދަލުކޮށްލައެވެ. މަސް މަރުވުމާއެކު އޭގައި ހިމެނޭ ބެކްޓީރިއާތައް އެތައް ގުނައެއް އިތުރުވެގެންދާއިރު، މި ބެކްޓީރިއާގެ ޒަރީއާއިން އުފެދޭ ވިހަ މާއްދާތަކުގެ ސަބަބުން އެ މަހަކީ ކެއުމަށް ރައްކާތެރި ނޫން މަހަކަށް ވެގެން ދެއެވެ.

މަސްވެރިން، މަސް ކިރުވުމުގެ މަސައްކަތުގައި

ހިސްޓަމިން އުފެއްދުން ހުއްޓުވަން އުޅަނދުމަތީގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން:

ހިސްޓަމިންގައި ރަހައެއް އަދި ވަހެއް ނުހުރުމުގެ ސަބަބުން ހިސްޓަމިން ވިހަ ވެފައިވާ މަހެއް ދެނެގަތުމަށް އުނދަގޫވެއެވެ. މީގެއިތުރުން މަސް ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން ނުވަތަ ހޫނުކޮށްގެންވެސް މަހުގައި އުފެދިފައިވާ ހިސްޓަމިން ނައްތައެއް ނުލެވެއެވެ.

ނަމަވެސް ދޯނީގައި ކަނޑުމަސް ގެންގުޅެ ރައްކާކުރާ ގޮތްތަކުގެ ސަބަބުން 50 ޕޕމ އަށް ވުރެ ދަށުގައި ހިސްޓަމިން ލެވެލް ހިފެހެއްޓުމަށް އެހީވެދެއެވެ. އެގޮތުން މަސް ބޭނުމަށްފަހު ވީހާވެސް އަވަހަށް އައިސްގަނޑަށް ނުވަތަ ފިނިފެންގަނޑަކަށް ލުމުން ހިސްޓަމިން އިތުރުވާ މިންވަރު ދަށްކޮށްދެއެވެ. މަސް ފިނިކުރާއިރު އެކަށީގެންވާ މިންވަރަށް އައިސް ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް 1 ޓަނުގެ މަހަށް ބޭނުންކުރަން އެންމެ ރަނގަޅީ 1 ޓަނުގެ އައިސް ކަމަށް ގުޑް މެނުފެކްޗާ ޕްރެކްޓިސަސްގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މަހަށް ލިބޭ ޖިސްމާނީ ގެއްލުން ކުޑަކުރުމާއި، މަހުގެ ކަރުގޮހޮރު ނަގާ ސާފުކުރުމުގެ އިތުރުން ދޯނީގައި އާންމު ސާފުތާހިރުކަން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.

މަސް ގަތުމަށްފަހު އަމަލުކުރަންވީ ގޮތް:

މަހުގެ ފިނި ހޫނުމިނާއި މަސް މަރުވުމަށްފަހު ހޭދަވާ ވަގުތަކީ ހިސްޓަމިން އުފެދުމަށް މަގުފަހިވާ މުހިންމު ކަންކަމެވެ. އެހެންކަމުން މަސް ގަންނަ އިރު މަހުގެ މައިކަށީގެ ފިނިހޫނު މިން ބެލުމަކީ މުހިންމު ކަމެކެވެ. އަދި މަސް ގަތުމަށްފަހު ގިނަ އިރު ތަކެއް ވަންދެން މަސް ބޭރުގައި ބެހެއްޓުމުގެ ބަދަލުގައި ފިނި ފެނަށް ނުވަތަ ގަނޑު ފެނަށް ލުމަކީ މުހިންމު ކަމެކެވެ.

ހިސްޓަމިން ވިހަ ވެއްޖެ ނަމަ އަނގައިން ދިލަ ނެގުމާއި، މޫނު ރަތްވުމާއި، ހަންގަނޑުގައި ފިތް ނެގުމުގެ އިތުރުން ބޮލުގައި ރިއްސުން އަދި ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ އަލާމާތް ފެނިދާނެއެވެ. މިފަދަ ހާލާތެއްގައި އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

މަސްބޭނުމަށްފަހު އައިސްގަނޑަށް ލާފައިވާ މަސްތަކެއް --

ބާނާ މަސް ތާޒާކަންމަތީ ބޭނުންވާ ފަރާތަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ މަސްވެރިންނެވެ. އެހެންކަމުން ދޯނީގެ ސާފުތާހިރުކަމާއި، މަސްބޭނުމުގަޔާއި ދޯނިމަތީގެންގުޅުމުގައި ލިބޭ އަނިޔާއާއި ގެއްލުން ކުޑަކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިހާރަކަށް އައިސް ގިނަ ދޯނިފަހަރުގައި ބާނާމަސް ފިނިކުރަމުން ގެންދަނީ އިންސިއުލޭޓް ކޮށްފައިވާ ފައިބަރު ފޮށިތަކުގައެވެ. ބައެއް ދޯނިފަހަރުގައި އިންސުލޭޓްކުރެވިފައިވާ މަސްރައްކާކުރާ ވަތްތަކުގައެވެ.