އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަން އެ ގައުމަށް ފުރާ ވަޑައިގަންނަވާނެ ކަމަށް، ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ދައުވަތަކަށް ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ރައީސްގެ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެވަރުގެ ހަރަދެއް ނުދާކަމަށެވެ. އެއީ މި ދަތުރުފުޅުގައި އެއްވެސް ރަސްމީ ބައްދަލުވުމެއް ނޯންނާނެތީ ހަރަދުތައް ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ އިނގިރޭސިވިލާތަށް ފުރާ ވަޑައިގަންނަވާއިރު، އެކި ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވާ އެ ޖަނާޒާގައި ރާނީގެ ހަށިކޮޅު ފަސްދާނުލުމުގެ ކަންކަން ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގައެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދީއްތައިގެ ނިޔަލަށް ގައުމީ ދިދަ ވަނީ ބައި ދަނޑި އަށް ތިރިކޮށްފައެވެ.

މީގެ 50 އަހަރު ކުރިން ރާއްޖެ އަށް ރާނީ ތާރީހީ ދަތުރުފުޅެއް ކުރެއްވިއިރު، އޭރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަވި އިރު، އެކަމަނާ އަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ކަމަނާއެވެ. ރާނީ އަވަހާރަވުމުން އެ ގައުމުގެ ރަސްކަމާ ހަވާލުވެޑައިގަތީ އެކަމަނާގެ ދޮށީ ދަރިކަލުން، އުމުރުފުޅުން 73 އަހަރުގެ ޗާލްސް 3 އެވެ.