ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ އަދީބު އޭސީސީއަށް ހާޒިރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އަދީބު އޭސީސީއަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭސީސީން އެންމެ ބޮޑު އިސްކަމެއް ދެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައި (ވަގަށް ނަގާފައި) ވާ ފައިސާ އަނބުރާ ހޯދައިދިނުން ކަމަށް އެކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރިީ، އަދީބުގެ އެކުވެރިންގެ ކުންފުނި ކަމަށްވާ އެސްއޯއެފް އިންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރިއެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އަދީބު މިހާރު ހުންނެވީ ގޭ ބަންޑުގައެވެ.

އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި 37 ރަށަކާއި 12 ފަޅެއް ގާނޫނީ އިމުން ބޭރުން އެކި ފަރާތްތަކަށް ދޫކޮށްފައި ވާއިރު ދައުލަތަށް ލިބެންޖެހޭ ތިން ބިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.