އދ. ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިހާބުކޮށްފިއެވެ.
އެކަން އިއުލާން ކުރައްވާ ރައީސް އެކްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލުކުރާ ގޮތަށް މި އަހަރުގެ ބާކީ އޮތް މުއްދަތަށް، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ) ގެ ނައިބު ރައީސްގެ މަގާމަށް ދިވެހިރާއްޖެ ހޮވިފައިވާ ކަމަށެވެ.
މިއީ ދިވެހިރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށް ސިފަ ކުރައްވާ ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގައި، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ވަކާލާތުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެއް ކަމަށެވެ.
އަދި ހަމަ އެހެންމެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބުނު މި ކުރިއެރުމަކީ، އިންސާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމަތުގެ އަސާސްތައް ދެމެހެއްޓުމަށް ދިވެހިރާއްޖެ ދެމުންދާ ދެމިހުރުން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކައުންސިލްގެ ހަރަކާތްތެރި މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ވަރުގަދަ އުސޫލުތައް ދެމެހެއްޓެމުންދާ ކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދުނިޔެއަކީ ހުރިހާ އެންމެނަށް ވެސް އިންސާފުވެރި އަދި އެކުލެވޭ ދުނިޔެއަކަށް ހެދުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މި ކާމިޔާބީ އާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހިދުމަތް ކުރައްވާނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ކަމަށެވެ.
މި ކާމިޔާބީއަކީ ދިވެހިރާއްޖެއިން އިންސާނީ ހައްގުތައް ކުރިއެރުވުމުގައި، ގައުމީ އަދި ބައިނަލްއަގްވާމީ މައިދާނުގައި، ސާބިތުކަމާއެކު ކުރަމުން އަންނަ ކުރިއެރުމުގެ ވަރުގަދަ ހެއްކެއްގެ އިތުރުން މި ކާމިޔާބީއަކީ ކައުންސިލްގެ މަސައްކަތްތަކުގައި އެކުލެވިގެންވާ މިންވަރު އިތުރުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ފާހަގަކޮށްލެވޭ ހިއްސާގެ ރަމްޒެއް ކަމަށް ވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.
އެންމެ ފުރަތަމަ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ހޮވުނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާ ހަމައަށް ރާއްޖެ އެ ކައުންސިލުގެ މެންބަރުކަން ކުރިއެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ގޮތުގައި އެ ކައުންސިލުގެ ނާއިބު ރައީސްކަންވެސް މިގެ ކުރިން ރާއްޖެ ކޮށްފައި ވެއެވެ.