ހދ. ނޮޅިވަރަމުގެ ފުޓުބޯޅަދަނޑު ފީފާ ސްޓޭންޑާޑް ދަނޑަކަށް އަޕްގްރޭޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފީފާ ސްޓޭންޑާޑްގެ ދަނޑަކަށް ނޮޅިވަރަމުގެ ފުޓުބޯޅަ ދަނޑު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އަމަލީ ގޮތުން ފަށައިގަންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ނޮޅިވަރަމުގައި އަޅާނީ ހަމައެކަނި އެހެން ރަށްރަށުގައި އަޅާކަހަލަ ސްޓޭންޑާޑް ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ނޫންކަމަށާއި، އެއަށްވުރެ ފުޅާކޮށް ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް އިންޑޯ ކޮމްޕްލެކްސްއެއް ކަމަށެވެ.

މީގެއިތުރުންވެސް ރައީސް ވަނީ ނޮޅިވަރަމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ ނޮޅިވަރަމުގެ ތައުލީމީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ގާއިމުކުރާ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިންމާނީ އިތުރު އެކްސްޓެންޝަން މަސައްކަތްތަކަކާއެކު އިމާރާތް ބޮޑުކޮށް މަދުވެގެން 12 ކްލާސްރޫމް އިތުރުވެގެން ދާގޮތަށް ކަމަށެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތް ފެށެންދެން މިހާރު ހުރި މަރުކަޒު އަޕްގްރޭޑުކޮށް ގެނެވެން ހުރި އެންމެ ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ހދ އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.