ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ކުޑަ އަގެއްގައި ކަރަންޓު ހިދުމަތް ދިނުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ ”ވިއަވަތި“ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

ސައީދު ވިދާޅުވީ ފެނަކަ އިންޖީނުގެ ހިންގާ ބިންތަކުން ކުލި ނަގަން ފަށައިފިނަމަ ކަރަންޓު ބިލަށް އޭގެ އަސަރު ކުރާނެ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އަދި ފެނަކައަކީ ”ސާވިސްއެއް ޕްރޮވައިޑްކޮށްދޭ ކުންފުންޏެއް“ ކަމަށާއި ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުލި ނެގުމުން ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ރަށްރަށުގައި ފެނަކައިން އުފައްދާ ވަޒީފާތަކުގެ ސަބަބުން ލިބޭނެ ކަމަށާއި މަދު ބަޔަކު ލައިގެން ކުރެވިދާނެ މަސައްކަތްތައް ގިނަ މުވައްޒަފުން ނަގައިގެން ކުރަނީ ވެސް ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.