ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރު "ބްލޭޒަން އިންކް" ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވާއިރު މި މައްސަލައިގައި ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިއަދުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން ނިންމީ ސައީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ސައީދުގެ މައްޗަށް ކުށް ސާބިތުވުމުން އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ކޮރަޕްޝަންގެ އެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު އޭނާގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.

އަދި ހަމަ އެހެންމެ އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން ވެސް ފެނަކަ ތެރޭގައި އޭރު ހިނގި ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކެއް ފާހަގަކޮށް ސައީދުގެ އާއިލީ ގާތް ގުޅުން އޮން ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާ މައްސަލަތަކެއް ވެސް ވެއެވެ.

އެގޮތުން ސައީދުއާ ގުޅުންހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 49,778,099 ރުފިޔާގެ އެއްބަސްވުން ހަދާ އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް 31,124,418 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އެމްޑީގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏާއެކު ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އެމްޑީގެ ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތްތަކެވެ.

އެމްޑީއާ ގުޅުންހުރި ވިޔަފާރިތަކަކީ ޝެލްޓާ ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑް، ޕަވަރޭ އިންވެސްޓްމެންޓް ޕަރައިވެޓް ލިމިޓެޑްގެ އިތުރުން ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައަށްވާއިރު ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެކި ދައުވާތައް ވެސް އުފުލާފައެވެ. ނަމަވެސް އޭނާ އަންނަނީ އެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.