ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) ގޭބަންދަށް ބަދަލުކޮށްފިއެވެ.
ސައީދު ވަނީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިރު އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ސައީދުގެ ސިއްހީ ހާލަތާ ހުރެ އިއްޔެ ވަގުތީ ގޮތުން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.
ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ހުކުމް އިއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވަނީ ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރައްވާފަ އެވެ. އެހެންކަމުން ސައީދުގެ މައްޗަށް އިއްވާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
އޭނާގެ އަދަބު މަތި ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އިސްގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގައި އެއްބަސްވުން ނަހަދައި ގިނަ އަދަދެއްގެ ފައިސާ ފެނަކައިގެ އިސްވެރިން ދީފައިވުމެވެ. ކުންފުނިތަކުގެ އިސްވެރިން ރައްޔިތުންނަށްގެ ފައިސާއިން ބޮޑެތި ކޮރަޕްޝަން ހިންގައި، ކުންފުނިތެރޭގައި ވެސް ކޮރަޕްޝަންގެ ދޮރު ހުޅުވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
