ފެނަކައިގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރު "ބްލޭޒަން އިންކް" ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވާއިރު މި މައްސަލައިގައި ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިއަދުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ ސައީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށްވުމާއެކު ދައުލަތުން އެދުނީ އަސާސީ އަދަބު ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 4 އަހަރު ދުވަހަށް ސައީދު ޖަލަށް ލުމަށެވެ. އެއީ ޖިނާއަތުގެ 4 ވަނަ ދަރޖައިގެ ކުށަކަށް ވުމުން ޖިނާއަތުގެ ހަތަރެއްގެ އެންމެ ބޮޑު އަދަބަކީ 4 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ސައީދުގެ އިތުރުން ދީނާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ހުކުމްކުރި ނަމަވެސް ދީނާއަށް އަދަބު ކަނޑައެޅުމުގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދާއި ސައީދުގެ މައްޗަށް އުފުލި ދައުވާއެވެ. އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި އެ މައްސަލަ ވެސް ކޯޓުގައި ހިނގަމުން އެބަދެއެވެ.

މީގެ އިތުރުން ވެސް އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން ވެސް ފެނަކަ ތެރޭގައި އޭރު ހިނގި ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކެއް ފާހަގަކޮށް، ސައީދުގެ އާއިލީ ގާތް ގުޅުން އޮން ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ސައީދުއާ ގުޅުންހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 49,778,099 ރުފިޔާގެ އެއްބަސްވުން ހަދާ އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް 31,124,418 ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏާއެކު ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އޭނާގެ ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތްތަކެވެ.

މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައަށްވާއިރު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ އެކި ދައުވާތައް އުފުލި ނަމަވެސް އޭނާ އަންނަނީ އެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.