އަތޮޅުތެރޭގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީ ރަށު ކައުންސިލުތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންވާ މައުލޫމާތުތައް ކައުންސިލްތަކުން އެއްކޮށްފައި ވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝަން މިހެން ވިދާޅުވީ، 3 ވަނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަފްޝަން ވިދާޅުވީ، ވެހިކަލްތަކުން ނެގޭ ފީ ކައުންސިލުތަކަށް ލިބިގެންދާނެ ގޮތެއް އަވަހަށް ހަމަޖެހިގެން ދިއުން މުހިންމު ކަމަށް ނިމިދިޔަ ފަނޯއްލަ ދަރުބާރުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެކަން ކުރުމަށް ބޭނުންވާ ވެހިކަލްތަކާ ގުޅޭ މައުލޫމާތު 107 ކައުންސިލްތަކުން އެއްކޮށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ.

އަފްޝަން ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކުގެ އަޑުއަހާ ކަމަށާއި، ރަނގަޅު އެކުވެރިންނަކީ ރަނގަޅު ކަންކަމަށް ހިތްވަރު ދީ، އެ ކަންކަމުގައި އެހީތެރިވާ ބައެއްކަމަށެވެ. އަދި ނުރަނގަޅު މަގަކުން ދާ ނަމަ އެކަމުން ދުރުކުރާނެ ބައެއް ކަމަށާއި، އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެލްޖީއޭ ވާންވާނީ ގޯހުން ކަމެއް ދާނަމަ އެކަން ރަނގަޅު ކުރުމަށް ލަފާއާއި އިރުޝާދު ދޭ އެކުވެރިއަކަށް ކަމަށެވެ.