ހދ. އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލް އިސްވެ އޮވެ އެކުލަވާލަން ނިންމި ބޯޑުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
މިފަދަ ބޯޑެއް އެކުލަވާލުމުގެ މަސައްކަތް އެ އަތޮޅު ކައުންސިލްތަކުން ފެށީ އެ އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމާފައިވާ އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލުމަށް އެލްޖޭއޭއިން ވަނީ އަންގާފައެވެ.
އެގޮތުން އެލްޖީއޭ އިން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ.
މިފަދަ ނިންމުމެއް އެލްޖީއޭއިން ނިންމާފައިވުމުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އަތޮޅު ކައުންސިލްތަކުން ނިންމި އެ ނިންމުމަކީ މުޅި ހދ.އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ އިހްތިސާސްގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންނަމަވެސް، މަރުކަޒީ ސަރުކާރުގެ ނުފޫޒުން އެލްޖީއޭ މެދުވެރިކޮށް، އެ ނިންމުން ބަދަލުކުރުމަށާއި، ކައުންސިލްގެ އިޖުރާއަތްތައް ހުއްޓުވުމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ލާމަރުކަޒީ ނިޒާމުގެ ބިންގާ ހަލާކުކޮށްލުމަށް ޑރ. މުއިއްޒު އިސްވެ ހުންނަވާ ހިންގާ ސިޔާސީ ޖަރީމާއެއް ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
އެލްޖީއޭގެ މި ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ލާމަރުކަޒީ ގާނޫނުގެ އަންނަނިވި މާއްދާތަކާ ސީދާ ހިލާފު އަދި ކައުންސިލްތަކުގެ މިނިވަންކަމަށް އަރައިގަތުމަށް ކޮށްފައިވާ ޚުދުމުޚުތާރު އަމަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވާ ގާނޫނީ ނިންމުމަށް އިހުތިރާމްކޮށް، އެ ނިންމުން ބަދަލުކުރުމަށް ފޮނުވާފައިވާ ޣައިރު ގާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށާއި، ސިޓީތަކުގެ ތަރައްގީއަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ބާރު ބޭނުންކުރަންވާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ތަރަހައިގެ ތެރެއިންކަމަށްވީ ހިނދު ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ.
