އަންނަ ހަފްތާގައި އޮންނަ "ޗަރުކޭސް" ފެސްޓިވަލްގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

ޗަރުކޭސް ފެސްޓިވަލްގެ މަގްސަދަކީ ދިވެހި އާޓިސްޓުންގެ ހުނަރު އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. ސޯޝަލް ސެންޓަރުގައި އޮންނަ ޗަރުކޭސް ފެސްޓިވަލް ކުރިއަށް ދާނީ:

  • އަންނަ ބުރާސްފައްޗާއި ހުކުރު، މި ދެ ދުވަހު
  • ހަވީރު 4 އިން 6 އަށް، އަދި ރޭގަނޑު 8 އިން 12 އަށް

އެ ފެސްޓިވަލްގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސުމުން، ޗަރުކޭސްގެ ފައުންޑަރު މުހައްމަދު އަހުނަފް އިބްރާހީމް ވަނީ އެ ފެސްޓިވަލަކީ ކާމިޔާބު ފެސްޓިވަލަކަށް ހެދުމަށް އުރީދޫގެ މުހިންމުކަން ފާހަގަކޮށްފައެވެ.

"އާޓިސްޓުންގެ މަސައްކަތްތައް ޕްރޮމޯޓްކޮށް، އެ މީހުންގެ ހުނަރު ދައްކާލުމަށް [އުރީދޫން] ދިން އެހީތެރިކަން ފާހަގަކުރަން." އަހުނަފް ބުންޏެވެ.

މިއީ ޗަރުކޭސް ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ.

މިދިޔަ އަހަރުގެ ޗަރުކޭސް ފެސްޓިވަލްގައި ވެސް މިއުޒިކާއި ވިޝުއަލް އަދި ލިޔުންތެރިކަން ފަދަ ފަންނުތައް ދައްކާލާފައިވެއެވެ. މީގެ އިތުރުން، މި އަހަރު ޕަފޯމަންސް އާޓް ފަދަ ފަންނުތަކަށް ވެސް ފުރުސަތު ލިބިގެން ދާއިރު، އާޓިސްޓުންނަށް މަސައްކަތް ވިއްކުމުގެ ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން، ފަންނީ ދާއިރާގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.