ސުލޫކީ މައްސަލައަކާ ގުޅިގެން ވަކިކުރި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑާލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ،އޭނާއަށް ބަދަލުގެ ގޮތުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ޓްރައިބިއުނަލަށް ޖޯން ހުށަހެޅީ އޭނާ ވަކިކުރީ އިންޒާރެއް ނެތި ކަން ފާހަގަކޮށް ވަޒީފާ އަނބުރާ ހޯދުމަށާއި ހަ މަސް ދުވަހަށް ވާ މުސާރަ ނަގައިދިނުމަށް އެދިއެވެ. އަދި އެ މައްސަލައިގައި އޭނާގެ ނަމަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް ޖޯން ވަނީ އެދިފައެވެ.

ޓްރައިބިއުނަލުން މި މަހުގެ އެއް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށާއި އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އެ ވަޒީފާގައި ހުރިއިރު އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 8000 ޑޮލަރާއި އިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ 6000 ޑޮލަރާއެކު ޖުމްލަ 14،000 ޑޮލަރު (215،880 ރުފިޔާ) އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރު ކޮށްފައެވެ.