ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގދ. ކާޑެއްދޫއަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ވޭތު ވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ކާޑެއްދޫއަށް ކަމަށާއި އެގޮތުން ކާޑެއްދޫއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ރ. އަލިފުށްޓަށް ކަމަށާއި އެގޮތުން އެ ރަށަށް މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހު 158.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. އެ ދުވަހު އަލިފުއްޓަށް ވެހުނު ވިއްސާރައިގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ ވަރަށް ގިނަ އެއްޗެއްސަށް ވަނީ ގެއްލުންވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވަނީ ސ. ގަމަށެވެ. އެއީ ނޮވެމްބަރު 24، 2015ގައި 228 މިލިމީޓަރުގެ ވާރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އަންނަނީ އެލާޓުތައް ނެރެމުންނެވެ. މިގޮތުން މިއަދު މެންދުރުފަހު 2 އިން ފެށިގެން މިރޭ 8 އާ ހަމައަށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު އެލާޓް ނެރެފައެވެ.