މި ދިރާސީ އަހަރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ދެ ސްކޫލެއް ހުޅުވިގެން ދާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެ ސްކޫލް މިއަދު ހުޅުވުމުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނިޓް ކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ."
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

ހަމަ އެއާއެކު، އެ ސްކޫލާ އިންވެގެން ހުންނަ ޕްރީ ސްކޫލާއި، ސަލާހުއްދީން ސްކޫލް މި ދިރާސީ އަހަރުގެ ތެރޭ ހުޅުވާނެ ކަމަށާއި، އޭރުން ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަލާހުއްދީން ސްކޫލަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެލްކޭޖީން ފެށިގެން ސާނަވީ އަށް ކިޔަވައިދޭ ސްކޫލެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މައާރިފް އަލްމަރްހޫމް އަލްއުސްތާޒް އަހްމަދު ކާމިލް ދީދީ އަށެވެ. އޭގެ އިތުރުން ކާމިލް ދީދީ އަކީ ދިވެހިބަހުން ތަފާތު ފޮތްތައް ލިޔުއްވި އަދީބެއް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑް 6 އާ ހަމައަށް ކިޔަވައިދޭ ކާމިލް ދީދީ ސްކޫލްގައި 824 ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ ސްކޫލްގައި ފައުންޑޭޝަން (އެލްކޭޖީ، ޔޫކޭޖީ) ގަޑިތައް ނަގައިދެނީ ހަތަރު ދަންފަަޅިއަކަށް ބަހާލައިގެންނެވެ. އަދި ގްރޭޑް 1 އިން 6 އަށް ކިޔަވައިދެނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.