ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިދިޔަ ދޮޅު އަހަރުގެ ތެރޭ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެންމެ ބޮޑަށް ދަށްވީ މިދިޔަ ޖުލައި މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކޮވިޑާ ގުޅިގެން 2020 ގެ އޭޕްރިލް އިން އޮގަސްޓާ ދެމެދު 319 މިލިއަން ޑޮލަރު މަދުވެ، 889 މިލިއަން ޑޮލަރުން 569 މިލިއަން ޑޮލަރަށް ރާއްޖޭގެ ރިޒާވް ދަށްވިއެވެ.

ނަމަވެސް، އެ އަހަރު ސެޕްޓެމްބަރުން ފެށިގެން ރިޒާވް ރަނގަޅުވެ، އޭގެ އަހަރެއް ފަހުން ބޭރު ފައިސާގެ ރިޒާވް ވަނީ 1.02 ބިލިއަން ޑޮލަރަށް އަރައިފައެވެ. އެއަށް ފަހު ރިޒާވް ދަށްވާން ފަށައި، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 753.4 މިލިއަން ޑޮލަރެވެ. އޭގެ ދެ މަސް ފަހުން މާވް މަހު 865.2 މިލިއަން ޑޮލަރަށް ރިޒާވް އިތުރުވި ނަމަވެސް، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރިޒާވް ދަށްވަމުން އައިސް މިހާރު ހުރީ 728.2 މިލިއަން ޑޮލަރެވެ. އެއީ 137 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދިޔަ ނަމަވެސް، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ދަރަނީގެ ނުރައްކާ ރާއްޖޭގެ އިގްތިސޯދަށް އެބައޮތް ކަމަށް، އައިއެމްއެފް އިން މިދިޔަ ޖުލައި މަހު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ޖަމިއްޔާ އިން ބުނި ގޮތުގައި، އެސްއޯއީތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ޖެހުމަކީ ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އައިއެމްއެފުން މިހެން ބުނެފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ފަސް މަސްދުވަހުގެ އަސާސީ ތަކެތި ގަނެވޭނެ ވަރަށް ރިޒާވްގައި ފައިސާ އެބަހުއްޓެވެ.