ކޭމްބުރިޖް އޯލެވެލް އާއި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ރާއްޖޭން އަމިއްލަ އިމްތިހާނެ ފަރުމާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވަނީ މެޑިސިންގެ ދާއިރާއާއި ގާނޫނީ ދާއިރާއިންނާއި އިންޖިނިއަރިންގެ ދާއިރާއިން ދުނިޔެ ގަބޫލު ކުރާ ފެންވަރުގެ ޑިގްރީ ފާސްތައް އަދި އެއަށްވުރެ މަތީ ފާސްތަކަށް ރާއްޖޭގައި ކިޔަވައިދޭއިރު އަމިއްލަ އޯލެވެލް އާއި އޭލެވެލް އިމްތިހާނެއް ފަރުމާ ނުކުރެވެންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޯ ލެވެލް އަދި އޭ ލެވެލްއަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބާއްވަން ބޭނުންވާ ކަމަށާއި ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމަށް ކަމަށްވާތީ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް ދަރިވަރުންނަށް މާ ފަސޭހަވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ މި އޮންނަނީ ނޭޝަނަލް ކަރިކިއުލަމް އެއް. ނޭޝަނަލް ކަރިކުލަމެއް އޮންނަންޏާ ދިވެހިރާއްޖޭގެ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް އަސްލު އެކުދިންނަށް މާ ފަސޭހަވާނެ. އޭރުން ދިވެހިރާއްޖެއާއި ގުޅޭ ކޮންޓެކްސްޗުއަލީ ރެލެވެންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާ ކުރެވޭނެ. އެމަސައްކަތްވެސް ކޮންމެވެސް ވަރަށް ފަށާފަވާނީ. އެކަމަކު އަދި އެއީ ކުރެވެމުންދާ މަސައްކަތެއް. އަޅުގަނޑުމެންގެ އުންމީދަކީ އެކަން އެގޮތަށް ހާސިލްވުން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރުރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް ބުނެފައެވެ.

އަދި 2024 އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ 2025 ވަނަ އަހަރު އޮކްޓޯބަރު/ނުވެންބަރުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު މަތީ ސާނަވީގެ ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް ހަދަމުން އައީ އެޑެކްސެލް އިމްތިހާނެވެ.