މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭން ކޮވިޑް-19އަށް ޕޮޒިޓިވްވީ 68 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު 21 އިން 27 އަށް 68 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހިމެނެނީ މާލެ އިން 15 މީހަކާއި އަތޮޅު ތެރެއިން 16 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 37 މީހެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު 8 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ހަފްތާ 68 މީހުން ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭގެ ކުރީ ހަފްތާ ޕޮޒިޓިވްވެފައިވަނީ 99 މީހުންނެވެ. އޭރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 9 މީހުންނަށެވެ.
ކޮވިޑް ކޭސްތައް މިދިޔަ ހަފްތާ މަދުވި ނަމަވެސް، އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ގެ ކޭސްތައް ރާއްޖޭގައި ގިނަވުމާ ގުޅިގެން އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމުގައި ވަނީ ނަމަ، މި ވަގުތު ފުރަތަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި، ބަބްލް ކުޑަ ކުރުމަކީ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުއި ދެކެން ޖެހެއެވެ.
ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.